ދުނިޔެ

ޤަތަރަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް، އަލްޖަޒީރާ ބަންދުކުރުން އެއީ ޝަރުތެއް


ގަލްފުގެ މައްސަލައަށް ޙައްލެއް ލިބުމަށް ވަރަށް ގާތްވެފައިވާކަމަށް ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން އައްސައުދު ވިދާޅުވެއްޖެއެވެ.

ނިރުބަވެރި ޖަމާޢަތްތަކަށް އެހީތެރިވެ އީރާނަށް އެއްބާރުލުންދޭކަމަށް ބުނެ ގަލްފުގެ ބާރުތައްކަމަށްވާ ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި ބަޙުރައިނުންވަނީ 2017ވަނަ އަހަރުގެ ޖޫން މަހު ޤަތަރާއެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. އެ ޤައުމުތަކާއި ބައިވެރިވެގެން މިޞްރުންވެސް ޤަތަރާ ގުޅުން ކަނޑާލިއެވެ. އަދި ޤަތަރުގެ އެއްވެސް އުޅަނދަކަށް އެ ޤައުމުތަކުގެ ވައިގެ އަދި ކަނޑުގެ ސަރަޙައްދުން ދަތުރުނުކުރެވޭނެކަމަށްވަނީ ނިންމާފައެވެ. ސަޢުދީ ޢަރަބިއްޔާއިންވަނީ ޤަތަރުގެ ހަމައެކަނި އެއްގަމުގެ ސަރަޙައްދީ ރޮނގު ބޭނުންކުރުމަށްވެސް ހުރަސް އަޅައިފައެވެ. އެހެންނަމަވެސް ޤަތަރާއި ދެކޮޅަށް ކުރާ ތުހުމަތުތައް އެ ޤައުމުން ދޮގުކުރެއެވެ.

ތިން އަހަރަށް ދެމިގެންގޮސްފައިވާ މައްސަލައަށް ޙައްލެއް ހޯދުމަށް ޤައުމުތަކުންދަނީ މަޝްވަރާކުރަމުންނެވެ. ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ވިދާޅުވީ މައްސަލަ ޙައްލުކުރުމަށް މިހާރު އެކުލަވާލާފައިވާ ޤަރާރަށް މައްސަލައިގައި ހިމެނޭ ހުރިހާ ޤައުމަކުންވެސް ރުހޭކަމަށާއި ރަސްމީ އެއްބަސްވުމެއް ވަރަށް އަވަހަށް އެކުލަވާލާނެކަމަށް ބެލެވޭކަމަށެވެ.

ޤަތަރާއި ގުޅުންކަނޑާލާފައިވާ ޤައުމުތަކުންވަނީ އެ ޤައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް 13 ޝަރުތެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި އަލްޖަޒީރާ ޓީވީ ބަންދުކުރުމާއި ތުރުކީވިލާތުގެ އަސްކަރީ މަރުކަޒެއް ބަންދުކުރުމުގެ އިތުރުން އީރާނާއި މުސްލިމު ބްރަދަހޫޑާއެކު އޮންނަ ގުޅުން ކުޑަކުރުމަށްވަނީ ޝަރުތުކޮށްފައެވެ. ނަމަވެސް ގަލްފުގެ ޤައުމުތަކުން ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށް، ޤަތަރުންވަނީ މުސްލިމް ބަރަދަހޫޑާއެކު އެއްވެސް ގުޅުމެއް ނޯންނަކަމަށް ބުނެފައެވެ.

ޤައުމުތަކުން ކޮށްފައިވާ ޝަރުރުތަކަށް ލުއިދޭނެތޯ ވަޒީރުގެ އަރިހުން ނޫސްވެރިން ސުވާލުކުރެއްވުމުން އޭނާ ވިދާޅުވީ މިހާރު މަޝްވަރާތައް ކުރިއަށް ދާތީ މި ވަގުތު ބުނެވެން އޮތީ ޙައްލާއި މެދު ހުރިހާ ޤައުމަކުންވެސް ރުހޭނެކަމަށްކަމަށެވެ.

ޑިސެމްބަރު މަހުގެ 4ވަނަ ދުވަހުގައި ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚު އަޙްމަދު ނާސިރު އައްޞަބާހު ވިދާޅުވީ ގަލްފުގެ މައްސަލަ ޙައްލުކުރުމަށް ކުރިއެރުން ލިބެމުންދާކަމަށެވެ. ނަމަވެސް ޙައްލަކާއި ހަމައަށް ވާޞިލްވެފައިވާކަމަށް އޭނާ ވިދާޅުވެފައެއް ނުވެއެވެ. ޤަތަރުގެ ޚާރިޖީ ވަޒީރު މުޙައްމަދު ބިން އަބްދުއްރަޙްމާން އައްޘާނީވެސްވަނީ ހަމަ އެ މޭރުމުން ވާހަކަދައްކަވާފައެވެ.

ގަލްފުގެ ޤައުމުތަކުގެ މެދުގައި އޮތް ހަމަނުޖެހުންތައް ޙައްލުކުރުމުގެ މަޤުސަދުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ޚާއްޞަ މުޝީރު އަދި ދަނބިދަރިފުޅު، ޖެރެޑް ކުޝްނާއާއި އޭނާގެ ޚާއްޞަ ވަފުދެއް މިދިޔަ ހަތުފާގެ ތެރޭ ވަނީ ސަޢުދީ ޢަރަބިއްޔާއަށް ޚާއްޞާ ދަތުރުފުޅެއް ކުރައްވާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ދަޢުރު ހަމަވުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އޭގެ ކުރިން ޤަލްފުގެ މައްސަލައަށް ޙައްލެއް ހޯއްދުމަށް އެ ޤައުމުން ބޭނުންވެއެވެ.