ޚަބަރު

ކުވައިތުގެ އާންމު އިންތިޚާބުގެ ވޯޓުލުން ފެށިއްޖެ


ހަލުވިކަމާއިއެކު ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި ކުވައިތުގެ ޤާނޫނުހަދާ މަޖިލީހުގެ ވޯޓުލުން ފެށިއްޖެއެވެ. މިއީ 2016ވަނަ އަހަރުން ފެށިގެން ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބެއް އެ ޤައުމުގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ކުވައިތުގެ ޤާނޫނުހަދާ މަޖިލީސް ބެލެވިފައިވަނީ ގަލްފުގެ ޤައުމުތަކުގެ ތެރެއިން އެންމެ ދުވަސްވީ އަދި އެންމެ ވަރުގަދަ މަޖިލީހުގެ ގޮތުގައެވެ. މި އަހަރުގެ އިންތިޚާބުގައި 29 އަންހެނުން ހިމެނޭގޮތަށް 300 ކެންޑިޑޭޓުން މަޖިލީހުގެ 50 ގޮނޑިއަށް ވާދަކުރެއެވެ. ކޯވިޑް-19ގެ ސަބަބުން ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައިވާތީ މި އަހަރުގެ އިންތިޚާބަށް ތާޢީދު ހޯދުމަށް ކެމްޕެއިނު ކުރުމުގެ ޙަރަކާތްތައް މައިގަނޑުގޮތެއްގައި ހިންގާފައިވަނީ އިންޓަނެޓާއި ޓީވީ މެދުވެރިކޮށެވެ. ކެމްޕެއިނު ކުރުމުގައި ގިނަ ކެންޑިޑޭޓުން އަލިއަޅުވާލާފައިވަނީ މީން ޒަމާނެއްގައި ހީނަރުވެފައިނުވާ މިންވަރަށް ބަލިކަށިވެފައިވާ ކުވައިތުގެ އިޤްތިޞާދާއި ކޮރަޕްޝަނާއި ޤައުމުގެ އާބާދީ ބެހިފައިވާ ގޮތުގެ މައްޗަށެވެ.

މި އަހަރުގެ އިންތިޚާބުގައި 567،694 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ. އެހެން އިންތިޚާބުތަކާއި އަޅައި ބަލައިއިރު މި އަހަރުގެ އިންތިޚާބުގައި ވޯޓުލާން ނުކުންނަ މީހުންގެ ޢަދަދު ކޯވިޑް-19ގެ ސަބަބުންނާއި 2012ވަނަ އަހަރުގައި އެ ޤައުމުގެ ވޯޓުލާ ނިޒާމު ބަދަލުކުރުމުން ވޯޓުގައި ބައިވެރިވުމަށް ދެކޮޅުހަދާ މީހުންގެ ސަބަބުން މަދުވާނެކަމަށް ބެލެވެއެވެ. ވޯޓުލާ މީހުންގެ ޢަދަދު މަދުވުމުން އެކި ގަބީލާތަކާއި ދީނީ ހަރުކަށި ފިކުރު ގެންގުޅޭ ފަރާތްތަކާއި ވޯޓުލާ މަރުކަޒަށް އެމީހުންނަށް ތާއީދުކުރާ ފަރާތްތަކުން ދިޔުމަށް ބާރުއެޅޭނެފަދަ ކެންޑިޑޭޓުންނަށް ފައިދާކުރާނެކަމަށް ބެލެވެއެވެ.

މިހާރު ކުރިއަށްދާ އިންތިޚާބަށްފަހު ކުވައިތުގެ މިހާރުގެ ސަރުކާރުން އިސްތިޢުފާ ދިނުމަށްވަނީ ހަމަޖެހިފައެވެ. ކުވައިތުގެ ވަޒީރުންގެ މަޖިލީހާއި ޤަނޫނުހަދާ މަޖިލީހާއި ދެމެދު ގިނަ މައްސަލަތައް އުފެދި، ސަރުކާރަށް ބަދަލުގެނައުމާއި ޤަނޫނުހަދާ މަޖިލީސް އުވާލުންފަދަ ގިނަ ކަންކަންވަނީ ފާއިތުވި ދުވަސްތަކުގައި ހިންގާފައެވެ. ކުވައިތުގެ ބޮޑުވަޒީރެއް ހޮވުމުގެ ބާރު ލިބިފައިވަނީ އެ ޤައުމުގެ އަމީރަށެވެ
.
ކުވައިތުގައި މިހާތަނަށް 143،917 މީހުންނަށް ކޯވިޑް-19 ޖެހި 886 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 343 މީހުންނަށް ބަލިޖެހި ދެ މީހުންވަނީ މަރުވެފައެވެ.