ޗައިނާއިން އެ ޤައުމުގެ ދިދަ ހަނދުގައި ހަރުކޮށްފިއެވެ. އެއާއިއެކު ހަނދުގައި ދިދަ ހަރުކުރި ދެވަނަ ޤައުމުގެ ގޮތުގައި ޗައިނާވަނީ ފާހަގަވެފައެވެ. ޗައިނާއިން ދިދަ ހަނދުގައި ހަރުކޮށްފައިމިވަނީ އެމެރިކާއިން ހަނދަށް ގޮސް އެ ޤައުމުގެ ދިދަ ހަނދުގައި ހަރުކުރުމުގެ ފަންސާސް އަހަރު ފަހުންނެވެ.
ޗައިނާގެ ޤައުމީ ޖައްވީ އިދާރާ، ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަނުން އާންމުކުރި ފޮޓޯއެއްގައި ހަނދުގެ ފަށަލައިގައި ޗައިނާގެ ރަތްކުލައިގެ ދިދަ ކޮޅަށް ހަރުކޮށްފައިވާތަން ފެނެއެވެ. އެ ދިދައިގެ ފުޅާމިނުމުގައި ދެ މީޓަރު ހުރިއިރު ދިގުމިނުގައި 90 ސެންޓިމީޓަރު ހުއްޓެވެ. ބަރުމިނުގައި އެއް ކިލޯ ހުރި އެ ދިދަ ފިނިން ރައްކާތެރިކުރުންފަދަ ކަންކަމަށް ޚާއްޗަ ފީޗާތަކެއް އެ ދިދައިގައިވަނީ ހިމަނާފައެވެ.
ހަނދުގައި ދިދަ ހަރުކޮށްފައިވާ ފޮޓޯތައް ނަގައިފައިވަނީ ހަނދުގެ ފަސް އެއްކުރުމަށް ހަނދަށް ދަތުރުކުރި ޗައިނާގެ ޗަންގް-އީ5 ޖައްވީ އުޅަނދުގެ މިޝަން ނިންމާލުމަށްފަހު އަނބުރާ ދުނިޔެއަށް އައުމަށް ދަތުރު ފެށުމުގެ ހިނދުކޮޅެއް ކުރިންނެވެ. އެ އުޅަނދުން މިހާރުވަނީ ހަނދުގެ ފަހާއި ގައު ހަނދާއި 15 ކިލޯމީޓަރު ދުރުގައި އޮތް ޗައިނާގެ ލޫނާ އޯބިޓަރަށް ގެންގޮސްފައެވެ.
1969ވަނަ އަހަރުގައި އިންސާނުން ގޮވައިގެން ހަނދަށް ދަތުރުކުރި އެމެރިކާގެ ޖައްވީ އުޅަނދު، އެޕޯލޯ 11ގެ މިޝަންގައިވަނީ ފުރަތަމަ ފަހަރަށް ހަނދުގައި ދިދައެއް ހަރުކޮށްފައެވެ. އެ މިޝަންގައި ބައިވެރިރި ބަޒް އޮލްޑްރިން ބުނީ އެ ދިދަ ހަރުކޮށްފައިވަނީ ޖައްވީ އުޅަނދުގެ ލޫނާ މޮޑިއުލާއި ވަރަށް ކައިރީގައި ކަމުން އެ އުޅަނދު ހަނދުން ނައްޓާލި ވަގުތު އެ ދިދަ ނެއްޓިފައިވާކަމަށް ޤަބޫލުކުރެވޭކަމަށެވެ.
އޭގެ ފަހުން 1972އާއި ހަމައަށް ފަސް ފަހަރެއްގެ މަތިން އެމެރިކާގެ ދިދަވަނީ ހަނދުގައި ހަރުކޮށްފައެވެ. 2012ވަނަ އަހަރުގައި އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިންވަނީ އެ ފަސް ދިދަ އަދިވެސް ހަނދުގެ ފަށަލައިގައި ހަރުކޮށްފައި ކޮޅަށް ހުރިކަމަށް ސެޓެލައިޓު ފޮޓޯތަކުން ދައްކާފައިވާކަމަށް ބުނެފައެވެ. ނަމަވެސް އިރުގެ ދޯދީގެ ސަބަބުން ދިދަތަކުގެ ކުލަ ވެއްޓިފައިވާކަމަށް ބެލެވޭކަމަށް ނާސާއިން ބުންޏެވެ.
ޗަންގް-އީ 5 އުޅަނދުން ހަނދަށް ކޮށްފައިވާ މި ދަތުރަކީ ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި ޗައިނާގެ އުޅަނދެއް ކާމިޔާބުކަމާއިއެކު ހަނދުގައި ޖެއްސި ތިންވަނަ ފަހަރެވެ. މީގެ ކުރިން ޗައިނާއިން ހަނދަށް ފޮނުވި ދެ އުޅަނދެއްގައި ދިދަ ހަރުކޮށްފައިވަނީ އެ އުޅަނދުތަކުގެ ބޭރު ފަށަލައިގައިކަމުން އެ ދިދަތައް ހަނދުގައި ހަރުކޮށްފައެއް ނުވެއެވެ.