ޚަބަރު

ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަނެއްކާވެސް 1 މަސް ދުވަހަށް އިތުރުކޮށްފި


ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަންނަ ޖެނުއަރީމަހުގެ 4 ވަނަ ދުވަހަށް އިތުރުކޮށްފިއެވެ.

ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނުނުގެދަށުން، މުޅި ރާއްޖޭގައި ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވަނީ މިއަހަރުގެ މަރޗްމަހުގެ 12ވަނަ ދުވަހުއެވެ. އެއީ ދުނިޔޭގައި ފެތުރެމުންއައި ކޯވިޑް-19ބަލި ރާއްޖެއިން ފެނި، ރިސޯޓަކުން މީހަކު ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ހެލްތު މިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ މި މުއްދަތު އަންނަ ޖެނުއަރީމަހުގެ 4 ވަނަ ދުވަހާ ހަމައަށް ދަމަހައްޓާފައިވާކަމަށެވެ. ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ސޮއިކުރައްވައި ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވީ، މުއްދަތު އިތުރުކޮށްފައިވަނީ ކޯވިޑް-19ބަލި ފެތުރުުމުގެ ނުރައްކާ އަދިވެސް ރާއްޖެއަށް އޮތުމުންކަމަށެވެ. އެގޮތުން 12މަރޗްގައި އިޢުލާންކުރި ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދަމަހައްޓާފައިވަނީ ބައްޔަށް އޮތް ނުރައްކާ ކުޑަކޮށް، ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާތީ ކަމަށްވެސް އެބަޔާނުގައިވެއެވެ.

އެއްމެ ފަހުން އާއްމުކުރި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު މިއަދަށް ހަމަވާނެއެވެ. މި ޙާލަތު މިހާތަނަށް 9 ފަހަރެއްގެމަތިން މިވަނީ ދަމަހައްޓާފައެވެ.

އާއްމު ރޯގާއެއްގޮތަށް ފެތުރެމުން އައި ކޯވިޑް-19 ބަލި، މުޅި ދުނިޔެއަށް ފެތުރި "ޕެންޑަމިކް"އެއްގެ ގޮތުގައިވަނީ އިޢުލާންކޮށްފައެވެ. ރާއްޖެއިން ފުރަތަމަ ކޭސްތައް ފެނުނީ ރިސޯޓްތަކުން ނަމަވެސް، މާލޭ ސަރަޙައްދުން ބަލި ފެނުމާއިއެކު، މުޖުތަމަޢުގެތެރޭގައި ބަލި ފެތުރޭކަމަށްވަނީ ނިންމާފައެވެ.