ޚަބަރު

ސްޕެއިނުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ވެކްސިން ބޭނުންކުރުމަށް ޖެހިލުންވޭ


ކޯވިޑް-19 އާއި ދެކޮޅަށް އުފައްދާ ވެކްސިނެއް އެ ވެކްސިން ނެރުމާއިއެކު ވަގުތުން ބޭނުންކުރުމަށް ސްޕެއިންގެ ދެ ބައި ކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ޖެހިލުންވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ގިނަ އަދަދެއްގެ އުންމީދީ ވެކްސިންތަކެއްގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ކުރަމުންދާއިރު ސަރުކާރުތަކަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އެދެވޭ އަދަދެއްގެ މީހުން ވެކްސިން ޖެހުމަށް އެއްބަސްކުރުވުމެވެ. ސްޕެއިންފަދަ ވެކްސިން ދޭ ނިސްބަތް މަތީ ޤައުމުތަކުންވެސް އެ މައްސަލައާއި ކުރިމަތިލާން ޖެހިދާނެކަމަށް ބެލެވެއެވެ.

ސްޕެއިންގެ ރަސްމީ އިދާރާއެއްކަމަށްވާ ސެންޓަރ ފޮރ ސޯޝިއޮލިޖިކަލް ސްޓަޑީސް (ސީއައިއެސް)ން މިދިޔަ ނޮވެމްބަރު މަހުގެ 23ން 26ވަނަ ދުވަހަށް 2130 މީހުންގެ މެދުގައި ކުރި ދިރާސާއެއްގެ ނަތީޖާއިން ދައްކާގޮތުގައި ވެކްސިނެއް ތައްޔާރުވާހާ އަވަހަށް އެ ވެކްސިނެއް ބޭނުންކުރުމަށް ތައްޔާރަށް ތިބީ އެ ޤައުމުގެ އާބާދީގެ ތިން ބައި ކުޅަ އެއްބައެވެ. 55.2 އިންސައްތަ މީހުން ބުނީ އެމީހުން ވެކްސިން ބޭނުންކުރާނީ ވެކްސިން ބޭނުންކޮށްފައިވާ އެހެން މީހުންނަށް ކުރާ އަސަރު ބެލުމަށް ފަހުގައިކަމަށެވެ. 55.2 އިންސައްތަ މީހުންގެ ތެރެއިން 60 އިންސައްތަ މީހުން ބުނީ ވެކްސިން ބޭނުން ނުކޮށްފިނަމަ އެމީހުން ނުވަތަ އެމީހުންގެ ޢާއިލާގެ މެންބަރަކަށް ގެއްލުމެއް ލިބިދާނެކަމަށް ޑޮކްޓަރަކު ބުނެފިނަމަ ވެކްސިން ބޭނުންކުރުމަށް ފަސް ނުޖެހޭނެކަމަށެވެ. އެއްވެސް ކަހަލަ ވެކްސިނެއް ނުޖަހަނާނެކަމަށް ބުނީ ދިރާސާގައި ބައިވެރިވި މީހުންގެ 8.4 އިންސައްތަ މީހުންނެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ސްޕެއިނުންންވަނީ އެ ޤައުމުގައި ވެކްސިން ދިނުމަށް ރާވާފައިވާ އުސޫލު އާންމުކޮށް ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދުމަށް ފޮނުވައިފައެވެ. އެ ޤައުމުގައި ވެކްސިން ޖެހުން މަޖުބޫރެއް ނުވާނެއެވެ. ވެކްސިން ޖެހުމަށް އެދޭ ކޮންމެ މީހަކަށް ހިލޭ ވެކްސިން ލިބޭނެ އިންތިޒާމް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދޭނެއެނެ. އެގޮތުން އަންނަ ޖަނަވަރީ މަހުން ފެށިގެން ބަލި މީހުން ބަލަހައްޓާ މަރުކަޒުތަކުގައި ވެކްސިން ދޭން ފަށާނެއެވެ.

ސްޕެއިނުގައި މިހާތަނަށް 1.69 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 46،252 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އެ ޤައުމުގައި 5،554 މީހުންނަށް ބަލިޖެހި 214 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދުދަނީ ދަށްވަމުންނެވެ. 2021ވަނަ އަހަރުގެ މެދުތެރެއާއި ހަމައަށް ދާއިރު 47 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްޕެއިނުގެ ފަނަރަ މިލިއަނާއި ވިހި މިލިއަނާއި ދެމެދުގެ މީހުންނަށް ވެކްސިން ދިނުމަށް ސްޕެއިނުގެ ސަރުކާރުންވަނީ އަމާޒުކޮށްފައެވެ.

މީގެ ކުރިން ނޮވެމްބަރު މަހުގެ 3ވަނަ ދުވަހާއި 12ވަނަ ދުވަހާއި ދެމެދު ސީއައިއެސުންކުރި ދިރާސާއެއްގެ ނަތީޖާއިން ދެއްކި ގޮތުގައި ވަގުތުން ވަގުތަށް ވެކްސިން ޖެހުމަށް 36.8 އިންސައްތަ މީހުންތިބީ ތައްޔާރަށެވެ. ވަގުތުން ވެކްސިން ޖެހުމަށް ފަސްޖެހޭކަމަށް ބުނީ 47.8 އިންސައްތަ މީހުންނެވެ. ނަމަވެސް އެ ދިރާސާގައި ވެކްސިންގެ އަސަރުތައް ރަނގަޅަށް ފައުޅުވަންދެން އެ ވެކްސިން ނުޖަހާ މަޑުކޮށްލަން ބޭނުންވާ މީހުންގެ ނިސްބަތް ބަލާފައެއް ނުވެއެވެ.