ވީއޭއާރުގެ ސަބަބުން ފުޓްބޯޅައިގެ ފޯރި ގެއްލި ފުޓްބޯޅަ ހަލާކުވަމުންދާ ވާހަކަތަކާއި ދެކޮޅަށް ފީފާގެ ރައީސް ވާހަކަދައްކަވައިފިއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންތީނޯ ވީޑީއޯ އެސިސްޓަންޓް ރެފްރީ ނުވަތަ ވީއޭއާރާއި ގުޅޭ ގޮތުން ވާހަކަދައްކާފައިމިވަނީ ވީއޭއާރުގެ ސަބަބުން ފުޓްބޯޅަ ހަލާކުވަމުން އަންނަކަމަށް ޕްރިމިއަރ ލީގުގެ ބައެއް ކުޅުންތެރިން ބުނަމުން އަންނަނިކޮށެވެ. ދާދިފަހުން ޕްރިމިއަރ ލީގުގެ ޗެމްޕިއަން ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަންއާއި އެސްޓަން ވިލާގެ ކެޕްޓަން ޖެކް ގްރީލިޝްވަނީ ވީއޭއާރުގެ ސަބަބުން ފުޓްބޯޅަ ހަލާކުވަމުން އަންނަކަމަށްބުނެ ވީއޭއާރާއި ދެކޮޅަށް ވާހަކަދައްކާފައެވެ.
މިކަމާއި ގުޅޭގޮތުން ފީފާގެ ރައީސް ވިދާޅުވީ ވީއޭއާރު ތަޢާރަފްކުރީ ފުޓްބޯޅައިގައި ބޭއިންސާފުން ހިނގާ ކަންކަން އިސްލާހުކުރުމަށްކަމަށާއި، އެކަން މަޑުމަޑުން ނަމަވެސް ހާސިލްވަމުން އަންނަކަމަށެވެ. އަދި ވީއޭއާރުގެ ސަބަބުން ފުޓްބޯޅައަށް ލިބޭނީ ގެއްލުމެއް ނޫންކަމަށާއި، މިކަމުގެ ސަބަބުން ފުޓްބޯޅަ އަށް ލިބެނީ އިތުރު ކުރިއެރުމާއި ތަރައްގީކަމަށް ވިދާޅުވިއެވެ. އިންފަންތީނޯ ވިދާޅުވީ ވީއޭއާރު ތައާރަފްކުރިތާ އަދި ވީ އެންމެ ދެ އަހަރުކަމަށާއި، ބައެއް ފަހަރު ރެފްރީންނަށް ވީއޭއާރު ބެލުމަށްފަހުވެސް ގޯސްތައް ހެދެނީ މިކަމަށް ރަނގަޅަށް ހޭލުންތެރި ނުވާތީކަމަށެވެ. ކޮންމެކަމެއްވެސް ފުރިހަމަކަމާއިއެކު ކުރިއަށްދާން ވަގުތު ބޭނުންވާކަމަށާއި، ވީއޭއާރަކީ ކުރިއަށް އޮތްތާނގައި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދާނެ ސިސްޓަމެއްކަމަށް އިންފަންތީނޯ ވިދާޅުވިއެވެ.