ޚަބަރު

1 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 5 މީހަކު ދޫކޮށްލައިފި


1 ކިލޯއަށް ވުރެގިނަ މަސްތުވާތަކެއްޗާއިއެކު ހައްޔަރުކުރި 5 މީހަކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު މާލެއިން އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއިއެކު ހައްޔަރު ކޮށްފައިވާ 5 ދިވެހިންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިމަހުގެ 4 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެމީހުން ދޫކޮށްލާފައިވާކަމަށެވެ. މިމީހުންނާއި އެކު ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އެއް ކިލޯއަށްވުރެ ގިނަ ކެނަބިސް އާއި 108 ގްރާމް އެމްޑީއެމް އަދި 7 ގްރާމް ހެރޮއިން އެވެ.

މިމީހުން ދޫކޮށްލުމާއި ގުޅިގެން ފުލުހުން ވަނީ މި އޮޕަރޭޝަންގެ ތަފްސީލުވެސް ހާމަކޮށްފައެވެ. ފުލުހުން ބުނެފައިވަނީ 2020 ސެޕްޓެމްބަރ 14 ވަނަ ދުވަހުގެ 21:38 ހާއިރު ޑްރަގް އިންޓެލިޖެންސްއިން ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓް އެގެދަށުން ހެންވޭރު ވައިފިނިގޭގެ 6 ވަނަ ބުރި ބަލާފާސްކުރި ކުރުމުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، މަނާބޭސްކަމަށް ޝައްކުކުރެވޭ ބޭސްތަކަކާއި ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި ފުޅިއަކާއި ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާކަމަށެވެ.

ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން 7 ދިވެހި ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުކަމަށެވެ.