ޚަބަރު

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ 2 ދައުވާއެއްގެ އަޑުއެހުން މާދަމާ


އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ 2 ދައުވާއެއްގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ.

މަނީލޯންޑްރިންގ ކުށް ސާބިތުވެ، މިހާރުވެސް 5 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުންދާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ، މަނީ ލޯންޑްރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއެކެވެ. މި ދައުވާތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުފަހު ދެގަޑި ތިރީހަށެވެ. މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަމަހުގެ 26 ވަނަ ދުވަހުއެވެ.

މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށު ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގައިއެވެ. ޔާމީންގެ އިތުރުން މިމައްސަލައިގައި މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

މިމައްސަލަތަކަކީ ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުޤީޤްކޮށްފައިވާ މައްސަލަތަކެކެވެ.