ޚަބަރު

ރޮހިންޔާގެ ގިނަ އަދަދެއްގެ ރެފިއުޖީން ބަންގްލަދޭޝްގެ އެކަހެރި ރަށަކަށް ފޮނުވާލައިފި


ބަންގްލަދޭޝްގައި ތިބި 1،600އަށްވުރެ ގިނަ ރޮހިންޔާގެ ރެފިއުޖީން އެ ޤައުމުގެ ވަރަށް އެކަހެރިކޮށް އޮންނަ ރަށެއްކަމަށްވާ ބަސަން ޗާރަށް ގެންދިޔުމަށް ޗިޓަގޮންގުން ފުރުވާލައިފިއެވެ. ބަންގްލަދޭޝުން އެގޮތަށް ޢަމަލުކޮށްފައިވަނީ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުން އެކަމާއި ދެކޮޅަށް އަޑުއުފުލަމުން ދަނިކޮށެވެ.

ދެކުނު އޭޝިޔާއަށް ނިސްބަތްވާ ބަންގްލަދޭޝުން ބުނީ ބަސަން ޗާރަށް ބަދަލުކޮށްފައިވަނީ އެ ރަށަށް ދިޔުމަށް ރުހޭ މީހުން އެކަނިކަމަށެވެ. އެގޮތަށް ކަންތައް ކުރުމުގެ ސަބަބުން ރޮހިންޔާގެ ރެފިއުޖީން ދިރިއުޅޭ ކޭމްޕުތަކުގެ ތޮށްޖެހުން ކުޑަވާނެކަމަށް އެ ޤައުމުން ބުންޏެވެ. އެ ކޭމްޕުތަކުގައި ރޮހިންޔާގެ އެއް މިލިއަނެއްހާ ރެފިއުޖީން މިހާރުވެސް ދިރިއުޅެވެއެވެ. ބަންގްލަދޭޝްގެ ކަނޑުގެ ސިފައިންގެ ފަރާތުން ވާހަކަދެއްކި އިސް ފަރާތަކުން ވިދާޅުވީ ރެފިއުޖީން އަރުވާފައިވަނީ ހަތް ބޯޓަކަށްކަމަށާއި އިތުރު ދެ ބޯޓަށް އެމީހުންނަށް ބޭނުންވާ ސާމާނު ބަރުކޮށްފައިވާކަމަށެވެ.

ނަމަވެސް ބައެއް ރެފިއުޖީންނާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުން ބުނީ ބައެއް ރެފިއުޖީން ބަސަން ޗާރަށް ގެންދިޔުމަށް އެއްބަސްކުރުވާފައިވަނީ އޮޅުވާލައިގެންކަމަށެވެ. މީގެ 20 އަހަރުކުރިން އުފެދިފައިވާ ބަސަން ޗާރަކީ ފެންބޮޑުވުމުގެ ހާދިޘާތައް ވަރަށް ގިނަގިނައިން ދިމާވާ ރަށެކެވެ. އަދި ސައިކުލޯނުތަކާއު ތޫފާންތައްވެސް ގިނަގިނައިން އަރާ ރަށެކެވެ. އިންސާނީ ހައްޤުތަކާއިބެހޭ ޖަމުޢިއްޔާތަކުންވަނީ އެކަން ފާހަގަކޮށްފައެވެ. އަދި އދ.ން އެރަށުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއިގުޅޭ ދިރާސާއެއް ކުރުމުގެ ޙުއްދަ ބަންގުލަދޭޝްގެ ސަރުކާރުން ދީފައި ނުވާކަމަށްވެސް އެ ފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ.

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު އަބްދުލް މުޢުމިން ވިދާޅުވީ އެއްވެސް މީހަކު ބަސަން ޗާރަށް ދިޔުމަށް މަޖުބޫރުކޮށްފައިނުވާނެކަމަށެވެ. ނަމަވެސް ނޫސްވެރިންނާއި ވާހަކަދެއްކި ބައެއް މީހުން ބުނީ އެމީހުންނާއި އެމީހުން ޢާއިލާއިން ބަސަން ޗާރަށް ދިޔުމަށް ދެކޮޅުހެދުމުން ގަދަކަމުން އެމީހުން ގެންގޮސްފައިވާކަމަށެވެ. އެ ރަށަށް ގޮސްފި ބަޔަކު ފެންބޮޑުވުމުގެ ހާދިޘާތަކުގައި މަރުވެގެން ދާނެކަމަށް ނޫސްވެރިންނާއި ވާހަކަދެއްކި ރެފިއުޖީން ބުންޏެވެ.

ބައެއް ރެފިއުޖީން ބުނީ ބަސަން ޗާރަށް ދާން ބޭނުންވާ މީހުންގެ ލިސްޓުގައި އެމީހުންގެ ޢާއިލާގެ ނަން ނޯޓުކުރީ އެ ލިސްޓަކީ ކާބޯތަކެތި ފޯރުކޮށްދިނުމަށް ތައްޔާރުކުރާ ލިސްޓެއްކަމަށް ހީކޮށްކަމަށެވެ. ނަމަވެސް އެ ލިސްޓުގެ ހަޤީޤަތް އެނގުމުން ބައެއް މީހުންވަނީ ފިލާފައެވެ.

އެނގިފައިވާ ގޮތުގައި ބަސަން ޗާރުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅެވެ. އެ ތަނުގައި ވިހި އެނދުގެ ދެ ހަސްފަތާލު ހުންނަކަމަށާއި އާންމުންނަށް ހިޔާވަހިކަން ދިނުމަށް ހަތަރު މީހުންނަށް ދިރިއުޅެވޭވަރުގެ ގިނަ ކޮޓަރިތަކެއް ހުރިކަމަށާއި ފުލުހުންގެ އިދާރާއެއް ހުންނަކަމަށްވެއެވެ.