ޚަބަރު

ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 1.5 މިލިއަނުން މައްޗަށް


ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު 1.5 މިލިއަން ހުރަސްކޮށްފިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި 7 ދުވަހުގެ މައްޗަށް ބަލާނަމަ ކޮންމެ 9 ސިކުންތަކުން އެކަކު ދަނީ ކޯވިޑް-19 ޖެހިގެން މަރުވަމުންނެވެ. ފާއިތުވި 2 މަސް ދުވަހުގެ ތެރޭގައި ބައި މިލިއަން މީހުން މަރުވެފައިވާއިރު، ބަލިމަޑުކަމަށް ނިމުމެއް އައުން ގާތްވެސް ނުވާކަމަށް އެ ޢަދަދުތަކުން އިޝާރާތްކުރެއެވެ.

ދުނިޔޭގައި މިހާތަނަށް 65 މިލިއަން މީހުންނަށް ބަލި ޖެހިފައިވާއިރު ބަލީގެ ސަބަބުން އެންމެ ޙާލަތު ގޯސްވެފައިވާ ޤައުމުގެ ގޮތުގައި އޮތީ އެމެރިކާއެވެ. އެންމެ ގިނަ އަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ޤައުމު އަދި އެންމެ ގިނަ ޢަދަދެއްގެ މީހުން ބަލީގައި މަރުވެފައިވާ ޤައުމުގެ ގޮތުގައިވެސް އޮތީ އެމެރިކާއެވެ. އެ ޤައުމުގައި މިހާތަނަށް 14.5 މިލިއަން މީހުންނަށް ބަލިޖެހި 282،829 މީހުން މަރުވެފައިވާއިރު އެ ޤައުމުގައި މިހާރު ފެތުރެމުންދަނީ ބަލީގެ ތިންވަނަ ރާޅެވެ.

އެމެރިކާގެ ސެންޓާސް ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ އިސްވެރިޔާ، ރޮބާޓް ރެޑްފީލްޑް ވިދާޅުވީ ބައްޔާއި ދެކޮޅަށް ވެކްސިނެއް އާންމުކޮށް ލިބެންފެށުމުގެ ކުރިން ހޭދަވާ މުއްދަތަކީ އެމެރިކާގެ ތާރީޚުގައިވެސް އެ ޤައުމުގެ އާންމު ޞިއްޙީ ޙާލަތު އެންމެ ގޯސްވާނެ މުއްދަތުކަމަށެވެ. މިދިޔަ ހަފުތާގައި އެކަނިވެސް ދުނިޔޭގެ ސަރަޙައްދުތަކުގައި ކޯވިޑް-19 ޖެހިގެން ދުވާލެއްގެ މައްޗަށް 10،000އަށްވުރެ ގިނަ މީހުން ދިޔައީ މަރުވަމުންނެވެ.

ހަފުތާއަކަށްފަހު ހަފުތާއަކު އެ ޢަދަދުދަނީ އިތުރުވަމުންނެވެ. ގިނަ ޤައުމުތަކަކުންދަނީ ބަލީގެ ފުރަތަމަ ރާޅަށްވުރެ ބާރުގަދަ ދެވަނަ ނުވަތަ ތިންވަނަ ރާޅަކާއި ހަނގުރާމަކުރަމުންނެވެ. އޭގެ ސަބަބުން އެ ޤައުމުތަކުގައި ބައްޔާއި ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައްދަނީ އިތުރަށް ހަރުކަށިކުރަމުންނެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޢަދަދުވަނީ 2019ވަނަ އަހަރުގައި ޓީބީ ޖެހިގެން މަރުވި މީހުންގެ ޢަދަދަށްވުރެ އިތުރުވެފައެވެ. އަދި މެލޭރިއާ ޖެހިގެން މަރުވި މީހުންގެ އަދަދަށްވުރެ ހަތަރު ގުނައަށް އިތުރުވެފައެވެ.