ޚަބަރު

ހީނަރުވެފައިވާ ބައެއް ގުޅުންތައް ރަނގަޅެއް ނުކުރެވޭނެ: ޗައިނާ


ޗައިނާއާއި އެމެރިކާއާއި ދެމެދު އޮތް ބައެއް ގުޅުންތަކަކީ ރަނގަޅު ކުރެވޭ ވަރަށްވުރެ ގޯސްވެފައިވާ ގުޅުންތަކެއްކަމަށް ޗައިނާގެ ދައުލަތުގެ ނޫސް އިދާރާއިން ބުނެފިއެވެ. ޗައިނާގެ ދައުލަތުގެ ނޫހުން އެހެން ބުނެފައިވަނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއާއި ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާ ދަނޑިވަޅެއްގައެވެ.

ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދު އޮންނަ ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުންވަނީ މީގެ ކުރިން ހީނަރުނުވާ މިންވަރަށް ގޯސްވެފައެވެ. އެގޮތުން ވިޔަފާރިއާއި ޓެކްނޮލޮޖީއާއި ސަލާމަތީ ކަންކަމާއި އިންސާނީ ޙައްޤުތަކާއި ކޯވިޑް-19އާއި ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައިވަނީ ބޮޑެތި ދެބަސްވުންތައް އުފެދިފައެވެ.

ޗައިނާ ޑެއިލީގައި ޝާޢިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ ޗައިނީސް ކޮމިއުނިސްޓު ޕާޓީގެ މެންބަރުންނާއި އެމީހުންގެ ޢާއިލާއިން އެމެރިކާއަށް ޒިޔާރަތްކުރުމަށް ބޭނުންވާ ވިޒިޓަރ ވިސާ ދޫކުރުން ދަތިކުރުމާއި، ޗައިނާއިން އުފައްދާ ކަފަ އެމެރިކާއަށް އެތެރެކުރުން މަނާކުރަން އެމެރިކާގެ ސަރުކާރުން ނިންމާފައިވާ ނިންމުންތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ހީނަރުވެފައިވާކަމުގެ ނިޝާންތަކެއްކަމަށެވެ.

ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގައި އެމެރިކާގެ ވެރިކަމާއި އިންތިޚާބީ ރައީސް ޖޯ ބައިޑަން ޙަވާލުވެވަޑައިގަންނަވާ ޗައިނާއާއި ދެކޮޅަށް އެމެރިކާގެ ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ވިސްނުން ހުރިކަމުގައި ވިޔަސް، މިހާތަނަށް ލިބިފައިވާ ބައެއް ގެއްލުންތަކަކީ ފަހުން ރަނގަޅު ނުކުރެވޭ ވަރަށް ގޯސްވެފައިވާ މައްސަލަތައްކަމަށް ޗައިނާގެ ނޫހުގައިވަނީ ބުނެފައެވެ. އަދި އެގޮތަށް ކަންތައްވުމަކީ އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕު އެދިވަޑައިގަންނަވާ ގޮތްކަމަށްވެސް އެނޫހުގައިވަނީ ބުނެފައެވެ. އެމެރިކާއާއި ޗައިނާއާއި ދެމެދުއޮތް ޚާރިޖީ ގުޅުންދަނީ ނުރައްކާތެރި މިސްރާބަކަށް ދަތުރުކުރަމުންކަމަށް ޗައިނާގެ ދައުލަތުގެ ނޫހުގައިވަނީ ބުނެފައެވެ.

ޗައިނާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކިއު ޓިއަންކައި ވަނީ އެމެރިކާގެ ވެރިކަން ބަދަލުވުމާއިއެކު ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް ބަދަލު އަންނާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. ޓްވިޓާގައި ޝާޢިއުކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އަބަދުވެސް ތަފާތުތައް ހުރި ނަމަވެސް އެ ތަފާތުތަކަކީ ކުރިމަތިލުންތަކާއި ހަނގުރާމައެއް ކުރާވަރުގެ މައްސަލަތަކެއް ނޫންކަމަށެވެ. ދެ ފަރާތުންވެސް އެކަކު އަނެކަކަށް އިޙްތިރާމްކުރާނަމަ ދެ ޤައުމުގެ ދެމެދުގައި އޮތް ތަފާތުތަކުގެ ސަބަބުން މައްސަލަ ނުއުފެދޭގޮތަށް، ދެ ޤައުމުގެ ގުޅުން ރަނގަޅުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ޖަނަވަރީ މަހުގައި އެމެރިކާގެ ވެރިކަމާއި ބައިޑަން ޙަވާލުވެވަޑައިގަތުމުންވެސް ޗައިނާއާއި އެމެރިކާއާއި ދެމެދު އޮތް ގުޅުމަށް މާބޮޑު ބަދަލެއް އަންނާނެކަމަކަށް ނުބެލެވެއެވެ. ރައީސް ޓްރަމްޕުގެ ސަރުކާރުން ޗައިނާއިން އެތެރެކުރާ މުދަލަށް ކަނޑައަޅާފައިވާ ޓެކްސްތަކާއި ޓެރިފްތަކަށް މިވަގުތު ބަދަލު ނުގެންނަވާނެކަމަށް ބައިޑަންވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ޗައިނާގެ ޖިންޖިއާން ސަރަޙައްދުގައި އިންސާނީ ޙައްޤުތަކާއި ޚިލާފަށް ދެމުންދާ އަނިޔާތަކާއި ދެކޮޅަށާއި، ހޮންކޮންގުގެ މައްސަލައިގައި ޗައިނާއާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ޤާނޫނުހަދާ މަޖިލީހުގެ މަތިގޭގެ ތާއީދު ވަރަށް ބޮޑެވެ. އެހެންކަމުން ޗައިނާއާއި ދެކޮޅަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓާނެކަމަށް ބެލެވެއެވެ.