ޚަބަރު

މޫސުން: ބޮޑު ދިޔާގައި ރާޅުގެ އުސްމިން 7 ފޫޓަށް އަރާނެކަމަށް ލަފާކޮށްފި


ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ދިޔަވަރުބޮޑުވާ ވަގުތު ފަސް ފޫޓާއި ހަތް ފޫޓާއި ދެމެދުގެ ރާޅު އަރާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައިފިއެވެ.

މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްރަށަށް ގުގުރުންވެސް އެކަށީގެންވާކަމަށެވެ. އަދި އާއްމު ގޮތެއްގައި ހުރިހާ ހިސާބަކަށްވެސް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

ރާއްޖޭގެ އުތުރުން ސްރީލަންކާގެ ގަލްފް އޮފް މަނާރުގައި އުފެދިފައިވާ ބުރެވި ތޫފާނާ ގުޅޭގޮތުން މެޓް އޮފީހުން ވިދާޅުވީ، އެ ތޫފާނުގެ ދުވެލި މަޑުވެ ކޮޅިގަނޑަކަށް ބަދަލުވެފައިވާކަމަށެވެ. އަދި މި ތޫފާނުގެ މިސްރާބު ހުރީ ރާއްޖެއާ ދުރަށް ކަމަށްވެސް ވިދާޅުވިއެވެ.

ހއ.ކެލާއިން ފެށިގެން ގާތްގަނޑަކަށް 642 ކިލޯމީޓަރު ދުރުގައިވާ މިކޮޅިގަނޑު، ލަފާކުރެވޭ ގޮތުގައި ކުރިއަށްއޮތް ވަގުތުތަކުގައި މަޑުމަޑުން ހުޅަނގު، ހުޅަނގުދެކުނަށްޖެހި، އިންޑިއާގެ ރާމަނަތަޕޫރަމާއި ތޫތުކުޑި ހިމެނޭ ސަރަޙައްދު ހުރަސްކުރާނެކަމަށް ބެލެވޭކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 12 ގަޑިއިރުތެރޭގައި ކޮޅިގަނޑުގެ ބާރު އިތުރަށް ދަށްވާނެ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.