ޚަބަރު

ފެންބޮޑުވާ ވަގުތުތަކުގައި މަގުތަކުގައި ކުނި އޮޔާދާގޮތަށް ބެހެއްޓުމަކީ ރައްކާތެރިކަމެއް ނޫން: މޭޔަރ


ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން މާލޭ އެކި ސަރަޙައްދުތަކަށް ކުނި ޖަމާވެ ފުނިޖެހުމަކީ ވިއްސާރަ ވުމުގެ ސަބަބުން ދިމާވާ ޢާއްމު މައްސަލައެކެވެ. މަގުމަތީގައި ފެންގަނޑުތެރޭ ކުނި އޮޔާދާތަން ފެންބޮޑުވާ ގަޑިތަކުގައި އަބަދުވެސް މާލެ ތެރެއިން ފެނެއެވެ. އެގޮތުން މަގުމަތީ އުކާލަން ބަހައްޓާފައި ހުންނަ ލަކުޑި ފިލާ ފަދަ ތަކެތި ފެންގަނޑުތެރޭގައި އޮޔާދާ މަންޒަރު ވިއްސާރަ ދުވަސްދުވަހު އަބަދުވެސް ފެނެއެވެ.

ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ވިއްސާރަ ކޮޅިގަނޑުތަކުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ވިއްސާރަ ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މިކަމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މާލެސިޓީ މޭޔަރ ސިފާ މުޙައްމަދު ވަނީ މަގުތަކަށް ކުނި ނޭޅުމަށް އިލްތިމާސްކުރައްވާފައެވެ.

ސިފާ ވިދާޅުވީ މާލޭގެ އެކި ސަރަޙައްދުގައި ކުނި މަދުކުރުމަށް ވިއްސާރަވާ ދުވަސްތަކުގައި ވެމްކޯއާއި ގުޅިގެން ކައުންސިލުން މަސައްކަތް ކުރައްވާކަމަށެވެ. އެގޮތުން އެންމެފަހުން މާލެއަށް ކުރި ބޮޑު ވިއްސާރައިގެ ތެރޭގައިވެސް 4 ފަހަރެއްގެ މަތިން ކުނި ނަގާފައިވާކަމަށް މޭޔަރ ސިފާ ވިދާޅުވިއެވެ.

"ވިއްސާރަ ދުވަސްވަރަކަށް މިދުވަސްވަރު ވާއިރު މަގުތަކަށް ކުނި ދޫކޮށްލައްވަން ނުހައްދަވާ ހުރިހާ ބޭފުޅުންވެސް ދުރާލާ ކުނި އަމިއްލައަށް އުކާލައްވަން ސަމާލުކަން ދެއްވާތި. ކޮންމެ ހަފްތާއަކުވެސް ރައްޔިތުންގެ އެތައް ފައިސާއެއް ދީފައި މިހާރުވެސް މަގުތަކުގައި ހުންނަ ކުނި އަޅުގަނޑުމެން ނަގަން އެބަޖެހޭ." ސިފާ ވިދާޅުވިއެވެ.

ވިއްސާރައާއެކު ކާނުތަކުގެ ތެރޭގައި ހުންނަ ކުނިތައް މަގުމައްޗަށް ފެތުރޭކަމަށާއި ކާނުތައް ފުރެނީ މަގުމަތީގައި ހުންނަ ސިމެންތިއާއި ޗަކަ ފަދަ ތަކެތި ކާނުތަކަށް އެޅިގެންކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. ހަމައެއާއެކު ބައެއް ސަރަޙައްދުތަކުގައި ކާނުތައް ފުރިގެން އަންނަނީ ކުނިންކަންވެސް ފާހަގަކުރެވިފައިވާކަމަށް ސިފާ ވިދާޅުވިއެވެ.

ކުނީގެ މައްސަލަ ޙައްލުކުރުމަށް ސިޓީ ކައުންސިލުން މަސައްކަތްކުރާއިރު މާލޭގެ މަގުތައް ސާފުތާހިރުކޮށް ބޭއްވުމަށް ވެމްކޯއިންވެސް އަންނަނީ މަސައްކަތްކުމުންނެވެ. އެގޮތުން ގޭގެ ތިރީގައި ބަހައްޓާފައި ހުންނަ ކުނި ނެގުމާއި މާލެ އެކި ޒޯންތަކަށް ބަހާލައިގެން ކޮންމެ ދުވަހަކު ކުނި ކަހާ ސާފުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.