ޚަބަރު

ކޯވިޑް-19 : ކުދި ޤައުމުތަކަށް އެހީވުމަށް މިނިސްޓަރ ޝާހިދު ގޮވާލައްވައިފި


ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކޯވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީވުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބައިނަލްއަޤްވާމީ މުތުޖަމަޢަށް ގޮވާލައްވައިފިއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކުގެ ޖަމްއިއްޔާ، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) އުފެދުނުތާ 30 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ވަރޗުއަލް އިވެންޓްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިބައްދަލުވުމަކީ އެއޯސިސް އިން މިހާރު ކުރަމުން އަންނަ މަސައްކަތްތަކާ، ކުރިއަށް ރޭވިފައި ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައްފަދަ ޚާއްސަ ޙާލަތްތައް ދިމާވެފައިވާ ޤައުމުތަކަށް ކޯވިޑް-19ގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީތެރިކަން ބޭނުންވާކަން ފެންނަމުންދާ ކަމަށެވެ. އަދި މިދަނޑިވަޅުގައި މާލީ، ފަންނީ އަދި ތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭ ތަރައްޤީގެ ބައިވެރިންނަށް މިނިސްޓަރ ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް އެއްވެސް މަޑުޖެހުމެއް އަޔަދީގެން ނުވާނެކަމަށެވެ. އަދި ކޯވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތަކީ ތިމާވެއްޓާއި ރައްޓެހި، ދެމެހެއްޓެނިވި ކަންތަކަށް ހެދުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލެއްވި ގޮވާލެއްވުމަށް އަމަލުކުރުމަށް އެއޯސިސްގެ ޤައުމުތަކުން މަސައްކަތް ކުރަން ޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުދި ޤައުމުތަކުން ކުރާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އީޖާދީ ގޮތްތަކެއް ހޯދުމަށް ތަރައްޤީވެފައިވާ ޤައުމުތަކަށް ގޮވާލަން ޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެއޯސިސް އުފެދުނީ ކަނޑުގެ ލޮނުގަނޑު އުފުލާ ގުޅޭ ގޮތުން ބޭއްވި ކުދި ޤައުމުތަކުގެ ފުރަތަމަ ކޮންފަރެންސް ދިވެހިރާއްޖޭގައި ބޭއްވުމަށްފަހު، 1990ވަނަ އަހަރު ސްވިޓްޒަލެންޑްގެ ޖެނީވާގައި ބޭއްވި ދެވަނަ ވޯލްޑް ކްލައިމެޓް ކޮންފަރެންސްގައެވެ.

އެއޯސިސް އިން ދަނީ ބައިނަލްއަޤްވާމީ މައިދާނުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލުމުގައި އިސް ދައުރެއް އަދާކުރަމުންނެވެ. އެއޯސިސް އުފެދުނީއްސުރެ ދިވެހިރާއްޖެއަކީ އެޖަމްއިއްޔާގެ މެމްބަރު ޤައުމެކެވެ. އަދި 2015 އިން 2018 އަށް އެއޯސިސްގެ ރިޔާސަތު ބެލެހެއްޓީވެސް ދިވެހިރާއްޖެއިންނެވެ.