ޚަބަރު

"ބުރެވި" ރާއްޖެއާ ފެއަށް، ބޮޑު ދިޔާގައި އުދަ އަރާފާނެ


ޠޫފާން "ބުރެވި" ދުވެލިމަޑުވެ ކޮޅިގަނޑަށް ބަދަލުވެފައިވިޔަސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާކޮށް، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މޫސުން ގޯސްވާނެކަމަށް ލަފާކޮށް ފ.އަތޮޅުން ފެށިގެން އައްޑުއާހަމައަށް މިހާރުވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ. މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 13:00އިން ފެށިގެން މިރޭ 19:00އާ ހަމައަށެވެ.

އެއިދާރާއިން ވިދާޅުވީ ސްރީ ލަންކާގެ ގަލްފް އޮފް މަންނާރު ސަރަޙައްދުގައި އުފެދިފައިވާ "ބުރެވި" ޠޫފާނުގެ ދުވެލި މަޑުވެ، މިހާރު ދަތުރުކުރަމުންދަނީ ރާއްޖެއާ ފެއަށް ކަމަށެވެ. މިހާރު އެޠޫފާންވަނީ ބާރުގަދަ ކޮޅިގަނޑަކަށް ބަދަލު ވެފައިކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ހއ.ކެލާއިން ފެށިގެން ގާތްގަނޑަކަށް 642 ކިލޯމީޓަރު ދުރުގައިވާ މިކޮޅިގަނޑު، ލަފާކުރެވޭ ގޮތުގައި ކުރިއަށްއޮތް 6 ގަޑިއިރުތެރޭގައި މަޑުމަޑުން ހުޅަނގު، ހުޅަނގުދެކުނަށްޖެހި، އިންޑިއާގެ ރާމަނަތަޕޫރަމާއި ތޫތުކުޑި ހިމެނޭ ސަރަޙައްދު ހުރަސްކުރާނެކަމަށް ބެލެވޭކަމުގައި އިއިދާރާއިން ވިދާޅުވެއެވެ. އަދި ކުރިއަށް އޮތް 12 ގަޑިއިރުތެރޭގައި ކޮޅިގަނޑުގެ ބާރު އިތުރަށް ދަށްވާނެ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާ، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެގޮތުން ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރައްވައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށާ، ރާއްޖޭގެ ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.