2015ވަނަ އަހަރު އީރާނާއިއެކު ވެފައިވާ ނިއުކުލިއާ އެއްބަސްވުމުގައި އަލުން ބައިވެރިވުމަކީ މެދު އިރުމަތީގައި ހަތިޔާރު ހޯދުމަށް އޮތް ވާދަވެރިކަން ނައްތާލުމަށް އޮތް އެންމެ ރަނގަޅު މަގުކަމުގައި އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
2015ވަނަ އަހަރުގައި ދުނިޔޭގެ ބާރުތަކާއިއެކު އީރާނުން ވެފައިވާ "ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން" ގެ ދަށުން އީރާނުގެ ނިއުކުލިއާ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުން އެ ޤައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. އެ އެއްބަސްވުމުގައި އެމެރިކާ، އިނގިރޭސިވިލާތް، ރަޝިޔާ، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، ވިލާތުގެ އިއްތިޙާދު އަދި ޗައިނާއިންވަނީ ބައިވެރިވެފައެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ވެރިކަމާއި ރައީސް ޑޮނަލްޑް ޓްރަންޕު ޙަވާލުވެވަޑައިގަތުމަށްފަހު އެމެރިކާއިންވަނީ އެ އެއްބަސްވުމުން ވަކިވެ އީރާނާއި ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ.
ނޮވެމްބަރު 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ބައިޑަން ނިއު ޔޯކް ޓައިމްސަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ 2015ވަނަ އަހަރުގެ އެއްބަސްވުމާއި އެއްގޮތަށް އީރާނުން ފުރިހަމައަށް އަމަލުކުރާނަމަ އެމެރިކާއިން އަލުން އެއްބަސްވުމުގައި ބައިވެރިވާނެކަމަށެވެ. އެއްބަސްވުމުގައި އަލުން ބައިވެރިވުމާއިއެކު ރައީސް ޓްރަންޕުގެ ދައުރުގައި އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވޭނެއެވެ. ބައިޑަން ވިދާޅުވީ އެއްބަސްވުމުގައި އަލުން ބައިވެރިވުމަކީ އީރާނާއިއެކު މަޝްވަރާތައް ފެށުމުގެ ފުރަތަމަ ފިޔަވަޅުކަމަށެވެ. މެދުއިރުމަތީގެ ސުލްޙަ ގެއްލޭފަދަ ހަތިޔާރުތަކާއިގުޅޭ ގިނަ ވާހަކަތައް ދެކެވެމުންދާކަމަށާއި މެދުއިރުމަތީގައި ހަމަޖެހުން ޤާއިމްކުރެވޭނެ އެންމެ ރަނގަޅު މަގަކީ އީރާނުގެ ނިއުކުލިއާ ޕްރޮގުރާމު މެދުވެރިކޮށްކަމަށް ބައިޑަން ވިދާޅުވިއެވެ.
ބައިޑަން ވިދާޅުވީ އީރާނާއިއެކު ކުރާ މަޝްވަރާތަކުގައި ނިއުކުލިއާ އެއްބަސްވުމުގެ މުއްދަތު 15 އަހަރަށް އިތުރުކުރުން ހިމެނޭކަމަށެވެ. އެއްބަސްވުމުގެ މުއްދަތަކީ އެ އެއްބަސްވުމާއި މެދު ނުރުހޭ ފަރާތްތަކުން އެންމެ ބޮޑަށް ކަންބޮޑުވުން ފައުޅުކުރާ މާއްދާއެވެ. އޭގެ އިތުރުން، ލުބުނާނާއި ޢިރާޤާއި ސޫރިޔާއާއި ޔަމަނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކަށް އީރާނުން ވާގިވެރިވަމުންދާ މައްސަލައާއިމެދު މަޝްވަރާތަކުގައި ވާހަކަދައްކާނެކަމަށާއި، ނިއުކުލިއާ އެއްބަސްވުމުގައި ބައިވެރިވެފައިވާ ހަ ފަރާތާއިއެކު ކުރިމަގުގައި ވާ އެއްބަސްވުންތަކުގައި ސަޢުދީއާއި ޔޫއޭއީއިން ބައިވެރިވާ މަންޒަރު ދެކިވަޑައިގަންނަވަން ބޭނުންފުޅުވާކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.
ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށް ހަމަޖެހިފައިވާ ބައިޑަން ވިދާޅުވީ އީރާނަށް ނިއުކުލިއާ ހަތިޔާރު ލިބޭނަމަ ސަޢުދީ ޢަރަބިއްޔާއާއި ތުރުކީވިލާތާއި މިސްރު ހިމެނޭގޮތަށް ސަރަޙައްދީ ބާރުތަކުގެ މެދުގައި ހަތިޔާރު ހޯދުމުގެ ވާދަވެރިކަން އިތުރުވާނެކަމަށެވެ. މެދު އިރުމަތީގެ ޤައުމުތަކުން ނިއުކުލިއާ ބާރު ގަދަކުރުމަކީ ނުރައްކާކަމެއްގެ ގޮތުގައި ބައިޑަން ސިފަކުރެއްވިއެވެ.