ތޫފާން "ބުރެވި"ގެ އަސަރު މިއަދު ހަވީރުން ފެށިގެން ރާއްޖޭގެ ސަރަޙައްދަށް ކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
މި ތޫފާނުގެ ސަބަބުން ރާއްޖޭގެ ސަރަޙައްދަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ ކަނޑުތަދުރުކުރާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައިގެން ދަތުރުކުރުމަށް އެމްއެންޑީއެފުންވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަތުރަށްފުރުމުގެ ކުރިން އުޅަނދުގައި ބޭނުންވާ ވަރަށް ލައިފްޖެކެޓް ހުރިތޯ ބެލުމަށާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕްފަދަ ތަކެތި ރަނގަޅަށް މަސައްކަތް ކުރޭތޯ ބެލުމަށާއި ދަތުރަށް ފުރުމުގެ ކުރިން އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށްވެސްވަނީ އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ކުދި، އަދި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުތަކުގައި ރޭގަނޑު އަދި ވިއްސާރައިރު ދަތުރު ނުކުރުމަށާއި، މުދާ އުފުލާ އުޅަނދުފަހަރުތަކުންވެސް މުދާބަރުކުރުމުގައި ޤަވާޢިދުތަކަށް ޢަމަލުކުރުމަށް އެމްއެންޑީއެފުންވަނީ އިލްތިމާސްކޮށްފައެވެ.
އަދި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުންވެސް އެދޯނިފަހަރު ބެލެހެއްޓުމަށާއި، ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވަނީ އިލްތިމާސްކޮށްފައެވެ.
އެމްއެންޑީއެފުންވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން ކަނޑުމަތީގެ އެއްވެސް ހާދިސާއެއް ހިނގައިފިނަމަ ލަސްނުކޮށް ކޯސްޓްގާޑުގެ ނަމްބަރ 191 އަށް ގުޅުއްވުމަށް އެދިވަޑައިގެންފައެވެ.