ކުޅިވަރު

އިންތިޚާބާއި ގުޅޭގޮތުން އާޒިމް ދެއްކެވީ ދޮގު ވާހަކަތަކެއް - އެތްލެޓިކްސް އެސޯސިއޭޝަން


އެތްލެޓިކްސް އެސޯސިއޭޝަންގެ އިންތިޚާބާއި ގުޅޭގޮތުން ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހުގައި ދެއްކެވި ވާހަކަތައް އެ އެސޯސިއޭޝަނުން ދޮގުކޮށްފިއެވެ.

ކުޅިވަރުގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކަށް ތަޅުމުގައި ބަހުސްކުރަމުން މެންބަރު ޢަލީ އާޒިމް ވިދާޅުވީ އެތްލެޓިކްސް އެސޯސިއޭޝަންގެ ގަވާއިދާއި ޚިލާފަށް ދައުރު އިތުރުކޮށްފައިވާކަމަށެވެ. އާޒިމް ވިދާޅުވީ އެއްވެސް މެމްބަރަކަށް ދެ ދައުރަށް ވުރެ އިތުރަށް އެސޯސިއޭޝަންގެ އެއްވެސް މަޤާމެއް އަދާނުކުރެވޭނެކަމަށް ބުނެފައިވަނިކޮށް އެ ނިންމުން ބަދަލުކޮށްފައިވާކަމަށެވެ. ތިން ދައުރަށް މަޤާމުގައި ހުރެވޭގޮތަށް އެ ނިންމުން ބަދަލުކޮށްފައިވަނީ އެސޯސިއޭޝަންގެ އިންތިޚާބް ބާއްވަން ތައްޔާރުވެފައިވަނިކޮށް އޭގެ ކުރީ ދުވަހު ކައުންސިލްގެ ބައްދަލުވުމަކުންކަމަށްވެސް އާޒިމް ތުހުމަތުކުރެއްވިއެވެ.

އެތްލެތިކްސް އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ބިލްތަކަށް ބަޙުސްކުރާ މަރުޙަލާގައިވެސް އެބިލްތަކަށް ތާޢީދު ހޯދުމަށް ދައްކަންޖެހޭނީ، ކަން ހިނގާގޮތުގެ ތެދު މަޢުލޫމާތުކަމަށެވެ. އެގޮތުން އެ އެސޯސިއޭޝަންގެ އަސާސީ ޤަވާޢިދު 2008 ވަނަ އަހަރު ރަޖިސްޓްރީ ކުރިފަހުން މިހާތަނަށްވެސް ހިންގާ ކޮމެޓީގެ މެންބަރުންނަށް އަދާކުރެވޭނީ ކިތައް ދައުރުކަން އެ ޤަވާޢިދު ބަޔާންކޮށްފައި ނުވާކަމަށެވެ. ހިންގާ ކޮމެޓީގެ ދައުރާއި ގުޅޭގޮތުން ހަމައެކަނި ބަޔާންކޮށްފައިވަނީ ހަޒާންދާރުގެ މަޤާމާއި ގުޅޭގޮތުން އެކަނިކަމަށާއި އެ މަޤާމަށް ޖެހިޖެހިގެން ދެ ދައުރަށްވުރެ ގިނައިން ކުރިމަތިނުލެވޭކަމަށް ބަޔާންކޮށްފައިވާކަމަށް އެތްލެޓިކްސް އެސޯސިއޭޝަންގެ ބަޔާނުގައިވެއެވެ.

އެތްލެޓިކްސް އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދަށް އެންމެ ފަހުން އިސްލާޙެއް ގެނެސްފައިވަނީ 2018 ވަނަ އަހަރުއެވެ. އެފަހަރު ގެނައި ބަދަލަކީ އެސޯސިއޭޝަންތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރަންޖެހޭތީ އޭގެ ކުރީގެ ޤަވާޢިދުގައި ޖަމިއްޔާތަކުގެ ޤާނޫނަށް ޙަވާލާދެވިފައިވާ މާއްދާތައް ކުޅިވަރުގެ ޤާނޫނަށް ޙަވާލާދޭގޮތަށް ބަދަލުކުރުން އެކަނިކަމަށްވެސް އެތްލެޓިކްސް އެސޯސިއޭޝަނުން ބުނެއެވެ.

އެތްލެޓިކްސް އެސޯސިއޭޝަން ބަދުނާމުވާގޮތަށް ޙަޤީގަތާއި ޚިލާފް ދޮގުވާހަކަތައް ދައްކަމުންގެންދާތީ އެކަން ކުށްވެރިކުރާކަމަށްވެސް އެ އެސޯސިއޭޝަންގެ ބަޔާނުގައިވެއެވެ އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވެސް އެތްލެޓިކްސް އެސޯސިއޭޝަނުން ބުނެއެވެ.

ކުޅިވަރުގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރި ގިނަ މެމްބަރުން ވަނީ އެ އިސްލާހުތަކަށްް ތާއިދުކުރައްވާ ވާހަކަދައްކަވާފައެވެ. އަދި އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް އިލްކެޝަން ކޮމިޝަންގެ ބެލުމުގެ ދަށުން ބޭއްވުމަށްވެސް ގިނަ މެމްބަރުންވާނީ ތާއިދުކުރައްވާފައެވެ.