ޚަބަރު

15 މަސް ދުވަހަށްފަހު ފަލަސްޠީނުގެ ދަރިވަރަކު އިސްރާއީލުގެ ޖަލަކުން ދޫކޮށްލައިފި


އިސްރާއީލުގެ ޖަލެއްގައި ހައްޔަރުކޮށްފައިހުރި ފަލަސްޠީނުގެ ދަރިވަރަކު 15 މަސް ދުވަހަށްފަހު ދޫކޮށްލައިފިއެވެ.

ހުޅަނގު އައްސޭރީގައި ހުންނަ ބިރުޒީތު ޔުނިވަސިޓީގައި ނޫސްވެރިކަމުގެ ދާއިރާއިން ތަޢުލީމު ހާޞިލްކުރަމުންދިޔަ އުމުރުން 22 އަހަރުގެ މައިސް އަބޫ ޣޫޝް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިސްރާއީލުން ހިންގުން މަނާކޮށްފައިވާ ޑިމޮކްރަޓިކް ޕްރޮގްރެސިވް ސްޓޫޑެންޓް ޕޯލް ނަމަކަށް ކިޔާ ދަރިވަރުންގެ ޖަމާޢަތަކަށް އޭނާ ނިސްބަތްވާކަމަށް ތުހުމަތުކޮށެވެ. އަދި އިސްރާއީލުން ފަލަސްޠީނު އިސްތިޢުމާރުކުރުމާއި ދެކޮޅަށް ދަރިވަރުން ބާއްވަމުންދިޔަ ޙަރަކާތްތަކުގައި ބައިވެރިވުމުންނެވެ. ފަލަސްޠީނުގެ ހައްޤުތައް އަލުން ހޯދުމާއިބެހޭ ކޮންފަރެންސެއްގައި ބައިވެރިވުމުން 'ޢަދުއްވަކާއި މުޢާލަމާތް'ކުރުމުގެ ދައުވާވެސް އޭނާއާއި ދެކޮޅަށް އުފުލައިފައެވެ. އަދި ހިޒްބުﷲއާއި ގުޅުންހުރި ނޫސް އިދާރާއަކާއި ގުޅުން އޮތްކަމަށްވެސްވަނީ ތުހުމަތުކޮށްފައެވެ.

ދާމޮން ޖަލުން އަބޫ ޣޫޝް ދޫކޮށްލާފައިވަނީ 600 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމުން އިސްރައީލުން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ޖެނިން ސިޓީގެ އުތުރުގައި އޮންނަ ޖަލާމާ ޗެކްޕޮއިންޓުގައެވެ. އޭނާ ދޫކޮށްލި ވަގުތު ޢައިލާއާއި ރައްޓެހިން އެ ސަރަޙައްދަށް ޖަމާވެ އޭނާއަށްވަނީ މަރުޙަބާ ކިޔައިފައެވެ.

އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ގިނަ ޢަދަދެއްގެ ޖަމާޢަތްތަކުން އަބޫ ޣޫޝަށް ޙަވާލާދީ ބުނީ އެއް މަސް ދުވަހަށްވުރެ ގިނަ ދުވަސްވަންދެން ބައިތުލް މަޤްދިސްގައި ހުންނަ މަސްކޯބިޔާ އިންޓަރޯގޭޝަން ސެންޓަރުގައި އެނާއަށް ޖިސްމާނީ އަދި ނަފްސާނީ ގިނަ އަނިޔާތައް ތަހައްމަލްކުރަން ޖެހުނުކަމަށެވެ. އެ ޖަމާޢަތްތަކުން ބުނީ އަބޫ ޣޫޝްއަށް ނަފްސާނީ ގޮތުން އުނދަގޫވާފަދަ ގިނަ ޙާލަތްތަކެއް ގިނަ ވަގުތުތަކަށް ދެމިގެންދާގޮތަށް ކުރިމަތިކުރުވާފައިވާކަމަށާއި ޖަލުން ދޫކޮށްލާނީ އޭނާއަކީ ނުކުޅެދޭ މީހަކަށް ހަދާފައި ނުވަތަ ސިކުނޑި މަސައްކަތް ނުކުރާ މީހެއްގެ ގޮތުގައި ހަދާފައިކަމަށް އިންޒާރުދީފައިވާކަމަށެވެ. އަދި ހައްޔަރުކޮށްފައިވާ އެހެން މީހުންނަށް އަނިޔާކުރާ ވަގުތު އެމީހުންގެ ރުއިމުގެ އަޑުއެހުމަށް މަޖުބޫރުކުރުވާފައިވާކަމަށާއި އޭނާއާއި ދިމާލަށް ހުތުރު އެއްޗެހި ގޮވައި މޫނުމަތީގައި ތަކުރާރުކޮށް ތަޅާފައިވާކަމަށް އެނާ ކިޔައިދިންކަމަށް އެ ޖަމާޢަތްތަކުން ބުންޏެވެ.

ޖަލުން ދޫކޮށްލުމުން ނޫސްވެރިންނާއި ވާހަކަދައްކަމުން އަބޫ ޣޫސް ބުނީ އިސްރާއީލުގެ ޖަލެއްގައި އޭނާ ކުރި ތަޖުރިބާއާއި ތަހައްމަލުކުރި އަނިޔާ އެންމެންނަށް ކިޔައިދޭން ބޭނުންވާކަމަށާއި އޭގެ ބޭނުމަކީ އިސްރާއީލުގެ ޖަލެއްގައި ހައްޔަރުކޮށްފިނަމަ ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއީލުގެ ސިފައިން ދޭ އަނިޔާ ބުނެދިނުމަށްކަމަށެވެ. އޭނާ ބުނީ ޖަލުތަކުގައި ތިބޭ އަންހެން ޤައިދީންގެ ފަރާތުން މެސެޖެއް ދޭން ބޭނުންވާކަމަށާއި އެ މީހުން ޖަލުގައި ދިރިއުޅޭ ޙާލަތު ރަނގަޅުކުރުމަށް ކަންތައްތަކެއް ބޭނުންވާކަމަށެވެ.

އިސްރާއީލުގެ ކޯޓެއްގައި ފަލަސްޠީނުގެ ރައްޔިތެއްގެ މައްސަލަ ބަލައިފިނަމަ 99.74 އިންސައްތަ މީހުންނާއި ދެކޮޅަށް ކުށް ސާބިތުވެއެވެ.