ގަލްފުގެ ޤައުމުތަކުގެ މެދުގައި އޮތް ހަމަނުޖެހުންތައް ޙައްލުކުރުމުގެ މަޤުސަދުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ޚާއްޞަ މުޝީރު އަދި ދަނބިދަރިފުޅު، ޖެރެޑް ކުޝްނާއާއި އޭނާގެ ޚާއްޞަ ވަފުދެއް މި ހަތުފާގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
ރައީސް ޓްރަންޕުގެ ސަރުކާރުގެ އިސް ފަރާތަކުން ވިދާޅުވީ ކުޝްނާގެ ދަތުރުފުޅުގައި ސަޢުދީ ޢަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމަށެވެ. އެއަށްފަހު ހަމަ އެ ޤައުމުގައި ޤަތަރުގެ އަމީރު، ޝައިޚް ތަމީމް ބުން ހަމަދް އައްޘާނީއާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ބައްދަލުވުންތަކުގައި ކުޝްނާގެ އަރިހުގައި އެމެރިކާގެ ފަރާތުން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބުންކަމަށްވާ އާވީ ބާކޮވިޓްޒާއި ބްރަޔަން ހޫކްގެ އިތުރުން ޔޫއެސް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ޗީފް އެކްޒެކެޓިވް، އެޑަމް ބާލާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
ނިރުބަވެރި ޖަމާޢަތްތަކަށް އެހީތެރިވެ އީރާނަށް އެއްބާރުލުންދޭކަމަށް ބުނެ ގަލްފުގެ ބާރުތައްކަމަށްވާ ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި ބަޙުރައިނުންވަނީ 2017ވަނަ އަހަރުގެ ޖޫން މަހު ޤަތަރާއެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. އެ ޤައުމުތަކާއި ބައިވެރިވެގެން މިޞްރުންވެސް ޤަތަރާ ގުޅުން ކަނޑާލިއެވެ. އެހެންނަމަވެސް މި ތުހުމަތުތައް ޤަތަރުން ދޮގުކުރެއެވެ.
މިމަހުގެ ކުރީކޮޅުގައި އެމެރިކާގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު ރޮބާޓް އޯ ބްރިއެންވަނީ ޤަލްފުގެ މައްސަލައަށް ޙައްލެއް ގެނައުމަކީ ރައީސް ޓްރަންޕުގެ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއްކަމަށް ވިދާޅުވެފައެވެ. ރައީސްކަމުގައި އިތުރު ދައުރެއް ހުންނެވުމަށް ކުރެއްވި މަސައްކަތް ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވެފައިވާ ރައީސް ޓްރަންޕުގެ މިހާރުގެ ދައުރު ޖަނަވަރީ މަހުގައި ހަމަވުމުގެ ކުރިން އެ އަމާޒު ޙާޞިލްކުރެވުމުގެ ފުރުޞަތު އޮތްކަމަށް އޭނާވަނީ ވިދާޅުވެފައެވެ.
މިދިޔަ މަހުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ އަމީރު ފައިސަލް ބިން ފަރްޙާން ވެސްވަނީ ތިން އަހަރުވީ ގަލްފުގެ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވާކަމަށް އިޝާރަތްކުރައްވާފައެވެ. އޭނާ ވިދާޅުވީ މައްސަލައަށް ޙައްލެއް ހޯދުމަށް ސަޢުދީން ތައްޔާރަށް އޮތްކަމަށެވެ. އޭނާ ވިދާޅުވީ ޤަތަރުގައި ތިބި ސަޢުދީ ޢަރަބިއްޔާގެ އަޚުންނާއި މަޝްވަރާކުރުމަށް އެ ޤައުމުން ބޭނުންވާކަމަށާއި ޤަތަރުންވެސް މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަމަށް އުންމީދުކުރައްވާކަމަށެވެ.
ކަން އެހެން އޮތް ނަމަވެސް މައްސަލައިގައި ހިމެނޭ ހަތަރު ޤައުމުގެ ސަލާމަތާއިބެހޭ ކަންބޮޑުވުންތަކާއިމެދު އިތުރަށް ވާހަކަދައްކަންޖެހޭކަމަށާއި ކުރިއަށްއޮތް އަވަސް މުސްތަގުބަލުގައި ޙައްލެއް ލިބޭނެކަމަށް ޤަބޫލުކުރައްވާކަމަށް އަމީރު ފައިސަލް ވިދާޅުވިއެވެ.
ގަލްފުގެ މައްސަލައަށް އަވަސް ޙައްލެއް ލިބޭނެކަމަށް އުންމީދުކުރައްވާކަމަށާއި އެ މައްސަލައިގައި ވަކި ބަޔަކަށް މޮޅެއް ނެތްކަމަށް މިމަހުގެ ކުރީކޮޅުގައި ޤަތަރުގެ ޚާރިޖީ ވަޒީރު ޝައިޚު މުޙައްމަދު ބިން އަބްދުއްރަޙްމާން އައްޘާނީވެސްވަނީ ވިދާޅުވެފައެވެ.