ސްރީލަންކާގެ ޖަލެއްގައި ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލުކުރުމަށް އެ ޖަލުގެ ފާރަވެރިން ބަޑި ޖެހި ހާދިޘާއެއްގައި 8 ޤައިދީން މަރުވެ 50އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
ނޮވެމްބަރު މަހުގެ 29ވަނަ ދުވަހު ސްރީލަންކާގެ މަހާރާ ޖަލުގެ ޤައިދީން މުޒާހަރާކޮށް ނުރުހުން ފައުޅުކުރަމުން ދިޔައީ އެ ޖަލުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެންނެވެ. ގިނަ ޢަދަދެއްގެ މީހުން ބޭނުންވީ ކޯވިޑް-19އަށް ފަރުވާދޭ މަރުޒަކުތަކަށް އެމީހުން ބަދަލުކުރުމަށެވެ.
މައްސަލަ ގޯސްވެ ތަޅާފޮޅުމަކަށް ގޮސް ޖަލުގެ އިމާރާތަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ޤައިދީންވަނީ މަސައްކަތްކޮށްފައެވެ. ޙާލަތު ކޮންޓްރޯލް ކުރުމަށް ޖަލުގެ ފާރަވެރިން ބާރުގެ ބޭނުންކޮށް ބަޑި ޖެހުމުގެ ސަބަބުން ހަތް މީހުން މަރުވެފައިވާކަމަށް ފުލުހުންގެ ތަރުޖަމާނު އަޖިތް ރޮހާނާވަނީ ޔަޤީންކޮށްދީފައެވެ. ހާދިޘާގައި ޒަހަމްވި ބައެއް ޤައިދީންގެ ޙާލު ވަރަށް ދެރަކަމަށް އަނިޔާވި މީހުންނަށް ފަރުވާ ދިނުމުގައި ޙަރަކާތްތެރިވަމުންދާ ރަގާމާ ހަސްފަތާލުގެ އިސް ޑޮކްޓަރަކު ބުންޏެވެ.
ޖަލުގެ ފާރަވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަލާމަތީ ބާރުތަކާއި ސްޕެޝަލް ޓާސްކް ފޯހުގެ އޮފިސަރުން ޖަލަށް ފޮނުވާފައިވާކަމަށާއި ޖަލުގެ ޙާލަތު މިހާރު ކޮންޓްރޯލް ކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ސްރީ ލަންކާގެ ޖަލުތަކުގައި މިހާތަނަށް 1،000އަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ.