ޚަބަރު

މަތީ ތަޢުލީމުގެ ލޯނު ސްކީމް: ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްސަ ޖާގައެއް


އަންނަ އަހަރު މަތީ ތަޢުލީމުގެ ދާއިރާއިން ހުޅުވާލާ ލޯން ސްކީމްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ޖާގަތަކެއް ހަމަޖައްސަވާނެކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މަތީ ތަޢުލީމާއި ތަމްރީންގެ ދާއިރާއިން ހުރި ފުރުސަތުތަކާއި ގުޅިގެން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިން ހުށައެޅި ޝަކުވާތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ މިފަދަ ކުދިންނަށްޓަކައި ކުރެވޭ މަސައްކަތް ނިސްބަތުން މަދުނަމަވެސް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި މަސައްކަތް ފެށިފައިވާކަމަށެވެ. އަދި ކުރިއަށްހުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި އަންނަ އަހަރުގެ މަތީ ތަޢުލީމުގެ ލޯނު ސްކީމްގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ސްލޮޓްތަކެއް ހިމަނާދެއްވާނެކަމުގެ ޔަގީންކަންވެސް މިނިސްޓަރވަނީ ބެލެނިވެރިންނަށް އަރުވާފައެވެ.

"މިވޭތުވެދިޔަ ދުވަސްތަކުގައި ކުރެވުނު މަސައްކަތުން ޚާއްސަ އެހީއަށް ބޭނުންވާ 10 ކުއްޖަކު މިހާރު އަންނަނީ ވަޒީފާ އަދާކުރަމުން. މިއީ ފެށުމެއްކަމަށް މިބަލަނީ. މިކުދިންނަށް ބޭނުންވާ ޕްރޮގްރާމްތައް ފަރުމާކުރަން އެބަޖެހޭ އެކިކުދިންގެ ހުންނަ ޑިސެބިލިޓީތައް ދެނެގަންނަން، އެކުދިންގެ ހުރި ހުނަރުވެސް އެނގެން އެބަޖެހޭ" ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މިފަދަ ކުދިންނަށް ބޭނުންވާ ކޯސްތައް ފަރުމާކުރުމަށް މިހާރުވެސް މިނިސްޓްރީ އޮފް ޖެންޑާއާ ގުޅިގެން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ މަޢުލޫމާތު އެއްކުރަމުން އަންނަކަމަށެވެ. އެއާއެކު ކޯޑިންފަދަ ޕްރޮގްރާމްތައް ތަޢާރަފްކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޚާއްސައެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންވަނީ މިފަދަ ކުދިންނަށް ދެވޭ ތެރއަޕީތަކާއި އިތުރު ފަރުވާތަކަށް ދިވެހިން ތަމްރީންކޮށް މިދާއިރާއިން ޢާއްމުންގެ ހޭލުންތެރިކަން އިތުރުކޮށްދިނުމަށް ތަޢުލީމީ ދާއިރާއިން މަސައްކަތްކޮށްދެއްވުމަށް އެދިފައެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވުމަކީ އެކުދިންގެ ވިސްނުން ކޮށިވާކަމެއް ނޫންކަމަށާއި ޢާއްމު ކުދިންނަށްވުރެ ތޫނުފިލި ކުދިން މިފަދަ ކުދިންގެ ތެރޭގައި ތިބިކަން ބެލެނިވެރިންވަނީ ފާހަގަކޮށް އެކުދިންނަށްވެސް އެހެން ކުދިންނަށް ހުރި ފުރުސަތުތައް ހޯއްދަވައިދެއްވުމަށް އެދިފައެވެ.