ޚަބަރު

ރިސެސްގެ މުއްދަތުގައިވެސް ޝަރީޢަތްތައް ކުރިއަށް ގެންދަން ހައިކޯޓުން ނިންމައިފި


ނުނިމިހުރި މައްސަލަތައް މަދުކުރުމަށްޓަކައި، މި އަހަރުގެ ރިސެސްގެ މުއްދަތުގެ ތެރޭގައި ޝަރީޢަތްތައް ކުރިއަށް ގެންދިޔުމަށް ހައިކޯޓުން ނިންމައިފިއެވެ. ހައިކޯޓުން ވިދާޅުވީ އެގޮތަށް ނިންމެވީ އެކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުންކަމަށެވެ.

ކޯޓްތަކުގެ ޤާނޫނުގައިވާގޮތުން ޑިސެމްބަރު މަސް ފެށުމުން ހައި ކޯޓް ރިސެސްއަށް ދާންޖެހެއެވެ. ނަމަވެސް އެކޯޓުން ނިންމާފައިވަނީ ރިސެސްގެ މުއްދަތުގައިވެސް ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށްކަމަށާއި، އެގޮތުން އެމުއްދަތުގައި ކުއްލި މައްސަލަތަކާއި ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ މައްސަލަތަކުގެ އިތުރުން ކޮންމެހެން ހިންގަން ޖެހޭ އަވަސް ތަބީޢަތުގެ މައްސަލަތައް ކުރިއަށް ގެންދިއުން ހިމެނެއެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަސް ފެށުމާ އެކު، ސުޕްރީމް ކޯޓާއި ހައި ކޯޓު އެއް މަސްދުވަހުގެ ރިސެސްއަކަށް ދާއިރު، ދަށު ކޯޓުތައްވެސް ރިސެސްއަކަށް ދާނެއެވެ.