ޚަބަރު

ޑޮނަލްޑް ޓްރަންޕު އަމިއްލަފުޅަށް އޭނާއަށް ރިޔާސީ މަޢާފެއް ދެވިދާނެތަ؟


މީގެ ތިން ދުވަސް ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުވަނީ ކުށްވެރިވެފައިވާ އޭނާގެ ކުރީގެ ޤައުމީ ސަލާމަތާއިބެހޭ މުޝީރު، މައިކަލް ފްލިންއަށް ރިޔާސީ މަޢާފެއް ދެއްވާ މިނިވަންކުރައްވާފައެވެ. މި މަހުގެ ކުރީކޮޅުގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޙާބުގައި ރައީސްކަމުގެ އިތުރު ދަޢުރަކަށް ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި ރައީސް ޓްރަންޕުގެ ހިންގަމުންދާ ދައުރު ނިމުމަކަށް އައުމުގެ ކުރިން ގިނަ ޢަދަދެއްގެ މީހުންނަށް މަޢާފު ދެއްވާނެކަމަށް ބެލެވެއެވެ.

މީގެ ކުރިންވެސް ރައީސް ޓްރަންޕުވަނީ އޭނާއަށް ތާއީދުކުރާ ބައެއް ފަރާތްތަކަށް މަޢާފުދެއްވާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ޤާނޫނުހަދާ މަޖިލީހުގައި ހުވާގެ މަތީގައިހުރެ ދޮގު ހެދިކަމުގެ ކުށް ސާބިތުވުމުން ޖަލަށް ލާފައިވާ ރޯޖާ ސްޓޯންއަށް މި އަހަރުގެ ކުރީކޮޅު މަޢާފު ދެއްވުމެވެ.

2018ވަނަ އަހަރުގައި ރައީސް ޓްރަންޕުވަނީ އެމަނިކުފާނާއި ދެކޮޅަށް ކުށެއް ސާބިތުވިނަމަވެސް ރައީސްގެ ހައިސިއްޔަތުން އެ ކުށަކަށް އަމިއްލަފުޅަށް މަޢާފު ދިނުމުގެ ހައްޤު އެމަނިކުފާނަށް ލިބިގެންވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދުސްތޫރީ ޤާނޫނާއިބެހޭ ގިނަ މާހިރުންވަނީ އެއީ އެކަން އޮންނަ ގޮތް ނޫންކަމަށް ފާހަގަކޮށްފައެވެ.

ރިޔާސީ މަޢާފު ދިނުމުގައި ޓްރަންޕަށް ލިބިފައިވަނީ ކޮން ބާރުތަކެއް؟

އެމެރިކާގެ ޤާނޫނުއަސާސީގެ ދަށުން ކުށްކުރާ މީހުންނަށް މަޢާފު ދިނުމުގެ ބާރު ރައީސަށް ލިބިގެންވެއެވެ. އެމެރިކާގެ 'ބާނީ'ން ޤަބޫލުކުރެއްވިގޮތުގައި ރިޔާސީ މަޢާފު ދިނުމުގެ ބާރު ރައީސަށް ދިނުމަކީ އެހެންމީހުންނާއި މެދު ރަހުމްކުރުން ދައްކުވައިދީ ޢާންމުންގެ ފައިދާއަށްޓަކައި ދީފައިވާ ބާރެއްކަމަށެވެ.

އާންމު ގޮތެއްގައި މަޢާފު ދެނީ އެބަޔަކާއިމެދު ދަޢުވާކޮށް ޤާނޫނީ ފިޔަވަޅު އަޅާފައިވާ މީހުންނަށް ނަމަވެސް ޤާނޫނީ ފިޔަވަޅު އަދި އަޅާފައިނުވާ މައްސަލަތަކަށްވެސް ރިޔާސީ މަޢާފު ދެވިދާނެއެވެ. އެގޮތަށްދޭ މަޢާފާއިމެދު ސަރުކާރުގެ އެހެން އެއްވެސް ގޮތްޕަކަށް ގޮތެއް ނުކިޔޭނެއެވެ. މަޢާފު ދެއްވާ ސަބަބު ހާމަކުރާކަށްވެސް ރައީސަކަށް ޖެހިވަޑައިނުގަންނަވާނެއެވެ.

ރިޔާސީ މަޢާފެއް ލިބުމުމުން އެމީހަކާއި ދެކޮޅަށް އޮތް ޖިނާޢީ ކުށް ފޮހެވިގެން ދާނެއެވެ. ނަމަވެސް މަޢާފު ދިނުމުގެ އެހެން ބާވަތެއްކަމަށްވާ ކޮމިއުޓޭޝަންގެ ދަށުން އަބަދު ކެނޑުނަސް ކުށް ސާބިތުވިކަމަށް ރެކޯޑުގައި އޮންނާނެއެވެ.

ރިޔާސީ މަޢާފު ބަރޯސާވާ ކަންތައްތަކެއް ހުރޭތަ؟

ރިޔާސީ މަޢާފު އެކަންކަމުގެ މައްޗަށް ބަރޯސާވާ ކަންތައްތަކެއް ހުރެއެވެ.

ރިޔާސީ މަޢާފުދެވޭނީ އެމެރިކާގެ ޤާނޫނުގައި ކުށަކަށްވާ ކަންކަމަށް އެކަންޏެވެ. އޭގެ މާނައަކީ ރައީސް ޓްރަންޕަށް ރިޔާސީ މަޢާފެއް ލިބިވަޑައިގެންނެވި ނަމަވެސް ސްޓޭޓު ޕްރޮސެކިއުޓަރެއްކަމަށްވާ މެންހަޓަންގެ ޑިސްޓްރިކްޓް އެޓޯނީ، ސައިރަސް ވޭންސް ހިންގަމުންދާ ޖިނާޢީ ތަހުގީގުން ޓްރަންޕުގެ ބައިވެރިންނަށް ރައްކާތެރިކަމެއް ނުލިބުމެވެ.

މީގެ ދެ އަހަރު ކުރިން ވޭންސް ފައްޓާފައިވާ ޖިނާޢީ ތަހުގީގުގެ އަސްލަކީ 2016ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޓްރަންޕުގެ ކުރީގެ ޤާނޫނީ ވަކީލު މައިކަލް ކޯހެން ދެ އަންހެނަކަށް ދީފައިވާ ފައިސާތަކެކެވެ. އެ ދެ މީހުންނަކީވެސް ރައީސް ޓްރަންޕާއިއެކު ޖިންސީ ގުޅުމެއް ބޭއްވިކަމަށްބުނާ ދެ މީހުންނެވެ. އެ ފައިސާއަކީ އެމީހުން އިތުރަށް އެވާހަކަ ނުދެއްކުމަށް ޝަރުތުކޮށް ދިން ފައިސާއެއްކަމަށް ބެލެވެއެވެ. ރައީސް ޓްރަންޕުވަނީ އެއީ ހިންގާފައިވާ ކަންކަން ނޫންކަމަށާއި އެއީ ސިޔާސީ ބޭނުމެއްގައި ކުރާ ތަހުގީގެއްކަމަށް ތުހުމަތުކުރައްވާފައެވެ.

ވޭންސް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އޭނާގެ ތަހުގީގު މިހާރު އިތުރަށް ފުޅާކޮށްފައިވާކަމަށާއި ބޭންކް، ޓެކްސް އަދި އިންޝިއުރަންސަށް މަކަރުހެދުމާއި ވިޔަފާރިއާއިބެހޭ ލިޔެކިޔުންތަކަށް ބަދަލުގެނައުންފަދަ މައްސަލަތައްވެސް މިހާރު ބަލަމުންދާކަންވަނީ ފާހަގަވެފައެވެ. މިވަގުތު އެ ތަހުގީގު އޮތީ ކިހާ ހިސާބެއްގައިކަން ނޭނގެއެވެ. މިހާތަނަށް އެ މައްލަސައިގައި އެއްވެސް މީހަކާއި ދެކޮޅަށް ދަޢުވާކޮށްފައެއް ނުވެއެވެ.

ޢާއިލާގެ މެންބަރުންނަށް މަޢާފު ދެވިދާނެތަ؟

ރައީސް ޓްރަންޕުގެ އަރިސް ބޭފުޅުންނާއި ޢާއިލީ ބޭފުޅުންނަށް އެމަނިކުފާނަށް މަޢާފު ދެވިދާނެއެވެ.

2001ވަނަ އަހަރުގައި އޭރު އެމެރިކާގެ ރައީސްގެ ގޮތުގައި ހުންނެވި ބިލް ކްލިންޓަންވަނީ ކޮކެއިން ގެންގުޅުމުގެ މައްސަލައެއް ސާބިތުވެފައިވާ އެމަނިކުފާނުގެ ކޮއްކޯފުޅު ރޯޖާ ކްލިންޓަންއަށް މަޢާފު ދެއްވާފައެވެ. އޭގެ އިތުރުންވެސް 450އެއްހާ މީހުންނަށްވެސް ރައީސް ކްލިންޓަންވަނީ މަޢާފު ދެއްވާފައެވެ. ޓެކްސް ނުދެއްކުމާއި ގުޅިގެން ދަޢުވާ އުފުލުމުން ޤައުމު ދޫކޮށް ދިޔަ ޑިމޮކްރަޓިކް ޕާޓީގެ ވާގިވެރިއެއްކަމަށްވާ މާކް ރިޗްވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ރައީސް ޓްރަންޕު އަމިއްލަފުޅަށް އެމަނިކުފާނަށް މަޢާފު ދެވިދާނެތަ؟

މި ސުވާލަށް ދެވޭނެ ސީދާ ޖަވާބެއް ނެތެވެ. މީގެ ކުރިން އެއްވެސް ރައީސަކު އެފަދަ ކަމެއް ކުރުމަށް މަސައްކަތްކޮށްފައިނުވާތީ ކޯޓުތަކުންވެސް އެފަދަ ޙާލަތަކާއިމެދު މީގެ ކުރިން ގޮތެއް ނިންމާފައެއް ނުވެއެވެ.

މިޝިގަން ސްޓޭޓު ޔުނިވަސިޓީގައި މަސައްކަތްކުރައްވާ ދުސްދޫރީ ޤާނޫނާއިބެހޭ ޕްރޮފެސަރު، ބްރަޔަން ކޮލްޓު ވިދާޅުވީ ރައީސަކަށް އަމިއްލަފުޅަށް އެ ބޭފުޅަކަށް މަޢާފު ދެވިދާނެތޯ މީހުން ސުވާލުކުރުމުން އެއީ އެކަމަށް މަސައްކަތްކުރުމުގެ ފުރުޞަތު އޮތްކަމެއްކަމަށް ވިދާޅުވާކަމަށެވެ. ޤައުމުގެ ޤާނޫނުއަސާސީން އެކަމާއި ގުޅޭގޮތުން ސީދާ ވަކި އެއްޗެއް ބުނެފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ގިނަ ޤާނޫނީ މާހިރުން ވިދާޅުވަނީ އަމިއްލައަށް މަޢާފު ދިނުމަކީ ޤާނޫނު އަސާސީގެ ރޫހާއި ޚިލާފުކަމެއްކަމަށެވެ. އަމިއްލަ މީހާ ހިމެނޭ މައްސަލައެއްގައި ގޮތް ނިންމުމުގެ އިޚްތިޔާރު އެމީހަކަށް ލިބިގެން ނުވާނެކަމަށް އެ ފަރާތްތަކުން ބުނެއެވެ. ކޮލްޓް ވިދާޅުވީ އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ބޮޑަށް ބުރަވެވެނީވެސް އެގޮތަށެވެ. ނަމަވެސް ދައުރު ހަމަވުމުން ގިނަ ޤާނޫނީ މައްސަލަތަކެއް ރައީސް ޓްރަންޕާއި ދެކޮޅަށް އަޅާނެކަމަށް ތައްޔާރުވުމުގެ ގޮތުން އަމިއްލަފުޅަށް އެމަނިކުފާނަށް މަޢާފު ދިނުމަށް މަސައްކަތްކުރުމަކީ ވެދާނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތަށް އެކަން ވެއްޖެނަމަ އެ ދިން މަޢާފުގެ ސައްޚަކަން ކޯޓަކުން ބެލުމުގެ ފުރުޞަތުވެސް ނުލިބިދާނެއެވެ. މަޢާފުގެ ސައްޚަކަމާއިމެދު ގޮތެއް ނިންމުމަށް ފުރަތަމަ ކުރަންޖެހޭނެކަމަކީ ފެޑެރަލް ޕްރޮސެކިއުޓަރަކު ޓްރަންޕާއި ދެކޮޅަށް ދަޢުވާއެއް އުފެލުމެވެ. އެ ދަޢުވާ އުފުލުމުން އޭގެ ދިފާޢުއެއްގެ ގޮތުގައި ރިޔާސީ މަޢާފު ހުށަހެޅުމުން ނޫނީ އޭގެ ސައްހަކަމާއިމެދު ސުވާލެއް ނުއުފެއްދޭނެއެވެ.

ނައިބު ރައީސަށް ރައީސްކަމުގެ މަޤާމު ދީފިނަމަ އޭނާއަށް ޓްރަންޕަށް މަޢާފު ދެވިދާނެތަ؟

1974ވަނަ އަހަރުގެ މެމޮރެންޑަމެއްގައި ޖަސްޓިސް ޑިޕާޓްމަންޓުގެ ވަކީލަކު ވިދާޅުވީ އޭރުގެ ރައީސް ރިޗާޑް ނިކްސަން އަމިއްލަފުޅަށް އެމަނިކުފާނަށް މަޢާފު ނުދެވޭނެކަމަށެވެ. ނަމަވެސް ކަންތައް ކުރެވިދާނެ އެހެން ގޮތެއް އެބަ އޮތްކަމަށް އޭނާވަނީ ފާހަގަކޮށްފައެވެ. އެއީ ރައީސްގެ މަޤާމު ވަގުތީގޮތުން ނައިބު ރައީސާއި ޙަވާލުކުރައްވާ، އޭނާގެ ފަރާތުން ރިޔާސީ މަޢާފެއް ހޯއްދަވައި، އަލުން މަޤާމާއި ޙަވާލުވުމެވެ.

އެގޮތަށް ޢަމަލުކުރުމަށް އެމެރިކާގެ ޤާނޫނުއަސާސީގެ 25ވަނަ އެމެންޑްމަންޓުގެ ބޭނުން ހިފަން ޖެހޭނެއެވެ. އެއީ މަޤާމުގެ މަސްޢޫލިއްޔަތު ޢަދާ ނުކުރެވޭ ރައީސަކު ވަގުތީގޮތުން އޭނާގެ ނައިބު ރައީސަށް ވެރިކަން ޙަވާލުކުރެވޭ އިންތިޒާމެކެވެ.

ވޯޓާގޭޓް މައްސަލަ ބޮޑުވުމުން އެގޮތަށް ކަންތައް ކުރެއްވުމުގެ ބަދަލުގައި ނިކްސޮން އެންމެ ފަހުން އިސްތިޢުފާ ދެއްވުމަށް ނިންމެވިއެވެ. އޭނާގެ ފަހުން ވެރިކަމާއި ޙަވާލުވެވަޑައިގެންނެވި ޖެރަލްޑް ފޯޑުވަނީ އޭނާއަށް ކުރެވިފައިވާ އަދި ކުރެވިފައި ހުރެދާނެ ހުރިހާ ފެޑެރަލް ކުށްތަކަށް މަޢާފު ދެއްވާފައެވެ.

ރައީސް ޓްރަންޕަށް މަޢާފު ދެއްވައިގެން ނައިބު ރައީސް މައިކް ޕެންސަށް ހާސިލްކުރެވެން އޮތީ ކޮންކަމެއްކަން ސާފު ނުވާކަމަށް ބްރައުން ޔުނިވަސިޓީގެ ޕޮލިޓިކަލް ސައިންސް ޕްރޮފެސަރެއްކަމަށްވާ ކޯރޭ ބްރެޓްޝްނެއިޑާ ވިދާޅުވިއެވެ. މައިކް ޕެންސުގެ 'ލެގަސީ'އަކީ ރައީސް ޓްރަންޕަށް މަޢާފު ދިން ފަރާތްކަމަށް ވުންކަމަށް ޕެންސް އެދިވަޑައިނުގަންނަވާނެކަމަށް ބްރެޓްޝްނެއިޑާ ވިދާޅުވިއެވެ.