ސިޔާސީ

އދ. ގައި ފަލަޞްޠީނުގެ ދިދަ ނެގިގެން ދިއުމަކީ ތާރީޚީ ފިޔަވަޅެއް


އޮބްޒާވަރ ޤައުމެއްގެ ގޮތުގައި އޮވެ އދ. ގެ މައިމަރުކަޒުގައި
ފަލަޞްޠީނުގެ ދިދަ ނެގިގެން ދިއުމަކީ ތާރީޚީ ފިޔަވަޅެއް ނަމަވެސް، މިއަށްވުރެ
ފާހަގަކޮށްލެވޭ ފިޔަވަޅަކަށް ވެގެންދާނީ ފަލަޞްޠީނަށް އދ. ގެ ފުރިހަމަ
މެމްބަރުކަން ލިބިގެން ދިއުން ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.



އދ. ގެ އާއްމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުން
ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ އިސްރާޢީލާއި ފަލަޞްޠީނުގެ މައްސަލައިގެ
ދާއިމީ ހައްލަކަށް ވެގެންދާނީ އިސްރާޢީލުން ހިފާފައިވާ ފަލަޞްޠީނުގެ ބިންތަކުން ފައިބާ،
1967 ވަނަ އަހަރާ ހަމައަށް ކަނޑައެޅިފައި އޮތް އެޤައުމުގެ ސަރަހައްދީ އިމުގައި
ފަލަޞްޠީނުގެ ދައުލަތެއް ޤާއިމްކުރެވި، އިރުމަތީ ޤުދުސް ފަލަޞްޠީނުގެ ވެރި ރަށުގެ ގޮތުގައި
ކަނޑައެޅިގެން ދިއުން ކަމަށެވެ.

އދ ގެ މައި މަރުކަޒުގައި ފަލަޞްޠީނުގެ ދިދަ ނެގުމާއި ގުޅިގެން ދިވެހި ސަރުކާރުންވަނީ އެކަމަށް މަރުޙަބާ ކިޔާފައެވެ.  ދިވެހި ޚާރިޖިއްޔާއިން ބުނެފައިވަނީ، ދިވެހި ސަރުކާރުން ދެެކެނީ މިއީ ،ފަލަޞްޠިނުގެ ރައްޔިތުންގެ މިނިވަންކަމުގެ ހައްޤު ކަށަވަރުކުރުމުގައި ގިރާ ކުރެވުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.އަދި 1967 ވަނަ އަހަރު އޮތް ބޯޑަރުގެ ތެރޭގައި، ފަލަޞްޠީން ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމްކޮށް ،އިރުމަތީ ޤުދުސްއަކީ ފަލަޞްޠީނުގެ ވެރި

ރަށުގެ ގޮތުގައި ހެދުމަށް ފަލަޞްޠީނުގެ ރައްޔިތުން ކުރަމުންދާ މިންނެތް މަސައްކަތަށް ދިވެހި ރާއްޖެއިން އަބަދުވެސް އެހީތެރިވެދޭޭނޭކަމަށް ވެސް ބުނެފައިވެއެވެ.



އދގެ މެމްބަރނޫން އޮބްޒާވަރ ޤައުމެއްގެ ގޮތުގައި،އޮވެ ފަލަޞްޠީނުގެ ދިދަ އދ ގައި ނެގުމަށް އާއްމު މަޖިލީހުގައި މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ދިހަ ވަނަ ދުވަހު ނެގި ވޯޓްގައި ރާއްޖެއިން ވޯޓް ދީފައިވަނީ ފަލަޞްޠީނާއި އެއްކޮޅަށެވެ.

އަދި ރާއްޖެއަކީ ވޯޓަށް އެހި ޤާރާރުގެ ކޯ-ސްޕޮންސަރވެސް މެއެވެ. ފަލަޞްޠީނަށް ނޮން-މެމްބަރ އޮބްޒާވާރ ގައުމެއްގެ ދަރަޖަ ދީފައިވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.