ކުޅިވަރު

ފީފާގެ އަހަރުގެ އެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑަށް 11 ކުޅުންތެރިން ވާދަކުރާނީ


ފީފާއިން ހޮވާ މިދިޔައަހަރު އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް 11 ކުޅުންތެރިޔަކު ނޮމިނޭޓް ވެއްޖެއެވެ.

މި އެވޯޑަށް ވާދަކުރާ 11 ކުޅުންތެރިންގެ ތެރޭގައި ލިވަޕޫލްގެ ހަތަރު ކުޅުންތެރިޔަކު ހިމެނެއެވެ. އެއީ ތިއާގޯ އަލްކަންޓްރާ، ސަދިއޯ މާނޭ، މުހައްމަދު ސަލާހްގެ އިތުރުން ވާގިލް ވެންޑައިކްއެވެ. މީގެ ތެރެއިން މި ސީޒަންގައި ލިވަޕޫލަށް ބަދަލުވި ތިއާގޯ ވާނީ ހުސްވި ސީޒަންގައި ބަޔާން މިއުނިކަށް ފަސްތަށި ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ދެންތިބި ތިން ކުޅުންތެރިން ވަނީ އިނގިރޭސީ ލީގު، ލިވަޕޫލަށް ކާމިޔާބުކޮށްދިނުމުގައި ލީގުގައި މޮޅުކުޅުމެއް ދައްކައިފައެވެ.

މި އެވޯޑަށް ވާދަކުރާ ބާޔާން މިއުނިކް ރޮބާޓް ލެވެންޑޮސްކީ ވަނީ މިދިޔަ ސީޒަންގައި ބަޔާން މިއުނިކަށް ކުޅުނު 47 މެޗުގައި 55 ލަނޑު ކާމިޔާބުކޮށްދީ ހުސްވި ސީޒަނުގައި ޔޫރަޕުގެ މޮޅުކުޅުންތެރިޔާގެ މާގާމުވެސް ވަނީ ހޯދާފައެވެ. ދެން މި އެވޯޑަށް ވާދަކުރަނީ ޕީއެސްޖީގެ ކެލިއަން އެމްބާޕޭ، ނޭމާ އަދި ރެއާލް މެޑްރިޑްގެ ސާޖިއޯ ރާމޯސް އާއި މެންޗެސްޓަރ ސިޓީގެ ކެވިން ޑި ބްރޭނާގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލިއޮނަލް މެސީއެވެ.

އެންމެ މޮޅު ގޯލަށް ދޭ ފީފާ ޕުސްކަސް އެވޯޑަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ތަރި ސޮން ހެއުން މިން މިދިޔަ ސީޒަނުގައި ބާންލީއާ ދެކޮޅަށް ޖެހި ގޯލު ވަނީ ނޮމިނޭޓްވެފައެވެ. ފީފާ އެވޯޑަށް ވޯޓު ލާނީ ގައުމީ ޓީމުތަކުގެ ހެޑް ކޯޗުންނާއި ކެޕްޓަނުންގެ އިތުރުން އޮންލައިންކޮށް ސަޕޯޓަރުންނަށް ހުޅުވާލާ ޕޯލްއެއްގެ އިތުރުން މީޑިއާގެ 200 ޖާނަލިސްޓުންނެވެ.