ވިޔަފާރި

އީރާނުގައި ހައްޔަރުކޮށްފައިހުރި މުއާ ގިލްބާޓް މިނިވަންކޮށްފި


އީރާނުގައި ހައްޔަރުކޮށްފައިހުރި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއަށް ނިސްބަތްވާ ކައިލީ މުއާ ގިލްބާޓާއި ބޭރު ޤައުމުތަކުގައި ހިފަހައްޓާފައިތިބި އީރާނުގެ ތިން ރައްޔިތުންނާއި ބަދަލުކޮށްފިއެވެ.

އީރާނުގެ ދަޢުލަތުގެ މީޑިޔާއިންވަނީ ފާއިތުވި ދެ އަހަރު އެ ޤައުމުގައި ޙައްޔަރުކޮށްފައި ހުރި މުއާ ގިލްބާޓް ވޭނަކަށް އަރާ މަންޒަރުގެ ވީޑިއޯއެއް ދައްކާފައެވެ. އަދި ގޯސް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް އެހެން ޤައުމުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ތިން ވިޔަފާރިވެރިންކަމަށް ބުނާ ބަޔަކު ކޮޓަރިއަކަށް ވަނުމުން އެ ތަނުގައި ތިބި މީހުން އުފާ ފައުޅުކުރާ މަންޒަރުވެސްވަނީ ދައްކާފައެވެ. އެ ތަނުގައި ހާޒިރުވެ ތިބި މީހުންގެ ތެރޭގައި އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު، އައްބާސް އަރަޤްޗީވެސް ހިމެނިވަޑައިގަންނަވައެވެ.

ކެމްބްރިޖުން ތަޢުލީމު ޙާޞިލްކޮށްފައިވާ މުއާ ގިލްބާޓް އީރާނުގެ ވެރިރަށް ތެހްރާނުގައި ހައްޔަރުކޮށްފައިވަނީ 2018ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ޖާސޫސްކޮށްދިނުމުގެ ކުށަށް ދިހަ އަހަރުގެ މުއްދަތަށް އޭނާ ޖަލަށްލުމަށްވަނީ ހުކުމް ކޮށްފައެވެ. އދގެ އިންސާނީ ހައްޤުތަކާއި ޚިލާފުވުމުގެ ސަބަބުން ބްލެކް ލިސްޓިކޮށްފައިވާ ޖަލެއްކަމަށްވާ ޤަރުޝަކް ޖަލުގައި ދެ އަހަރު ހޭދަކުރުމަށްފަހު ތަންކޮޅެއް ޙާލަތު ރަނގަޅު ޖަލެއްކަމަށްވާ އެވިން ޖަލަށް އޭނާ ބަދަލުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

މުއާ ގިލްބާޓް ދޫކޮށްލުމަށް އީރާނުން ނިންމާފައިވާ ނިންމުމަށް އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު، މެރައިސް ޕޭންވަނީ މަރުހަބާ ކިޔުއްވާފައެވެ. އޭނާ ވިދާޅުވީ އުމުރުން 33އަހަރުގެ ގިލްބާޓް މުއާ ދޫކޮށްލުމަށް މަގުފަހިވީ ޚާރިޖީ މުޢާމަލާތްތަކުގެ ސަބަބުން ކަމަށެވެ. އޭގެން ދައްކުވައިދެނީ ކޮންމެ މައްސަލައެއްވެސް ޙައްލުކުރުމަށް އޮތް މަގަކީ ހަރުދަނާ ގޮތުގައި ގަދައަޅާއި މަސައްކަތްކުރުންކަންކަމަށް އޭނާ ވިދާޅުވިއެވެ. ގިލްބާޓް މުއާ ހައްޔަރުކޮށް ހުކުމްކޮށްފައިވަނީ ގޯސް ތުހުމަތުތަކެއްގެ މައްޗަށްކަމަށް އޮސްޓްރޭލިއާއިން އަބަދުވެސް ބުނަމުންދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

މުއާ ގިލްބާޓަށް ކޮށްފައިވާ ތުހުމަތަކީ އިސްރާއީލުގެ ޖާސޫސީ އިދާރާތަކަކަށް މަސައްކަތްކޮށްދިނުމެވެ. އޭނާ އީރާނަށް ކުރި ފުރަތަމަ ޒިޔާރަތުގައި އެއްވެސް ކުށެއް ކޮށްފައިނުވާ ނަމަވެސް އެ ޤައުމަށްކުރި ދެވަނަ ޒިޔާރަތުގައި އީރާނުގެ އިޤްތިޞާދާއި އަސްކަރީ ބާރުތަކާއިގުޅޭ މަޢުލޫމާތު ހޯދުމަށް މަސައްކަތްކޮށްފައިވާކަމަށް އީރާނުން ބުނެއެވެ.

މިނިވަންވުމަށްފަހު ނެރުނު ބަޔާނެއްގައި މުއާ ގިލްބާޓް ބުނީ އޭނާ މިނިވަންކުރުމަށް ކޮށްފައިވާ ހުރިހާ މަސައްކަތަކަށް ޝުކުރުވެރިވާކަމަށެވެ. އޭނާ އާއި ދެކޮޅަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައިވާ މުއާ ގިލްބާޓް ބުނީ އޭނާ އީރާނަށް ދަތުރުކުރީ ރަހުމަތްތެރި ހައިޞިއްޔަތެއްގައިކަމަށާއި މިހާރު އީރާނު ދޫކޮށްފައިދަނީވެސް ހަމަ އެގޮތުގައިކަމަށެވެ.

މުއާ ގިލްބާޓް މިނިވަންކުރުމަށް އީރާނުން ނިންމާފައިވަނީ އީރާނުގައި ހައްޔަރުކޮށްފައިހުރި ފަރަންސޭސިވިލާތާއި އީރާނަށް ނިސްބަތްވާ ފަރީބާ އާދިލްޚާހް ވަގުތީގޮތުން މިނިވަންކުރުމުގެ ގާތްގަނޑަކަށް ދެ މަސް ދުވަސް ފަހުންނެވެ. 2019ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ބަންދުގައި ހުންނަ އާދިލްޚާހްއަށް ކުރާ ތުހުމަތަކީ އީރާނުގެ ޤައުމީ ސަލާމަތާއި ދެކޮޅަށް މަސައްކަތް ކުރުމެވެ.