ދުނިޔެ

އެމެރިކާގެ ކުރީގެ ސަލާމަތީ މުޝީރަށް ރައީސް ޓްރަންޕު މަޢާފު ދެއްވައިފި


އެމެރިކާގެ ޖާސޫސީ އިދާރާ، އެފްބީއައިއަށް ދޮގުހަދާފައިވާކަމަށް ދެ ފަހަރަށް އިޢުތިރާފުވެފައިވާ އެ ޤައުމުގެ ކުރީގެ ޤައުމީ ސަލާމަތާއިބެހޭ މުޝީރު، މައިކަލް ފްލިންއަށް ރައީސް ޑޮނަލްޑް ޓްރަންޕު މަޢާފު ދެއްވައިފިއެވެ.

މިއީ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބު ނާކާމިޔާބުވެވަޑައިގަތުމަށްފަހު ރައީސް ޓްރަންޕު ރިޔާސީ މަޢާފެއް ދެއްވި ފުރަތަމަ ފަހަރެވެ. ފްލިންއަށް ރިޔާސީ މަޢާފެއް ދިނުމަށް ރައީސް ޓްރަންޕު ނިންމެވި ނިންމެވުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންވަނީ އޭނާއަށް އަމާޒުވެފައެވެ.

2017ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ރައީސް ޑޮނަލްޑް ޓްރަންޕު ވެރިކަމާއި ޙަވާލުވެވަޑައިގަތުމާއި ހަމައަށް ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރާއެކު ފްލިން ކުރެއްވި މުޢާމަލާތްތަކާއި ގުޅޭގޮތުން އިތުރުފުޅު ހައްދަވާފައިވާކަމަށް ފްލިންވަނީ އެއްބަސްވެފައެވެ. ނަމަވެސް އެ އިޢުތިރާފު އަނބުރާ ގެންދެވުމަށް އޭގެ ފަހުން އޭނާވަނީ މަސައްކަތްކުރައްވާފައެވެ. އެގޮތުން ދަޢުލަތުގެ ވަކީލުން އޭނާގެ ހައްޤުތަކަށް އަރައިގެންފައިވާކަމަށާއި އޮޅުވާލައިގެން އެއްބަސްވުމަކާއި ހަމައަށް ގޮސްފައިވާކަމަށް އޭނާދަނީ ބުނަމުންނެވެ. އޭނާގެ ކުށަށް އިޢުތިރާފުވެފައިވީ ނަމަވެސް އަދިވެސް އޭނާ ކުރި ކުށަށް ޢަދަބެއް ކަނޑައަޅާފައެއްނުވެއެވެ.

މިއީ ރަޝިޔާއާއި ގުޅޭ ތަހުޤީޤުގައި ކުށްކުރިކަމަށް ސާބިތުވެފައިވާ ފަރާތަކަށް ރައީސް ޓްރަންޕު މަޢާފުދެއްވި ދެވަނަ ފަހަރެވެ. މީގެ ކުރިން ރައީސް ޓްރަންޕުވަނީ އޭނާގެ އަރިސް ބޭފުޅެއްކަމަށްވާ ރޯޖާ ސްޓޯން ޖަލަށް ގެންދިޔުމަށް ތައްޔާރުވަމުންދަނިކޮށް އޭނާއަށް ރިޔާސީ މަޢާފެއް ދެއްވާފައެވެ.