ކުޅިވަރު

ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި ޑިއެގޯ މަރަޑޯނާ މަރުވެއްޖެ


ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އަދި ލެޖެންޑް ޑިއެގޯ މަރަޑޯނާ މަރުވެއްޖެއެވެ.
މަރަޑޯނާ މަރުވެފައިވަނީ ހާޓް އެޓޭކްއެއް ޖެހިގެންކަމަށް މީޑިޔާތަކުން ރިޕޯޓްކޮށްފައިވެއެވެ. އުމުރުން 60 އަހަރުގެ މަރަޑޯނާ ވަނީ މިމަހުގެ ކުރީކޮޅުގައި ސިކުނޑީގައި ލޭކޮޅެއް ގަނޑުވެފައި ހުރުމުގެ ސަބަބުން ވަނީ ކުއްލި އޮޕަރޭޝަނެއްވެސް ކޮށްފައެވެ.

މަރަޑޯނާ މަރުވެފައިވާކަން ޔޫރަޕްގެ މީޑިއާ ތަކުން ކަށަވަރުކޮށްދީފައިވާއިރު، އޮޕަރޭޝަނަށްފަހު މަރަޑޯނާ ހޮސްޕިޓަލުން ދޫކޮށްލިތާ އަދި ވީ ދެ ހަފްތާއެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓުން ޖާގަހޯދާފައިވާ މަރަޑޯނާވަނީ 1986ވަނަ އަހަރު އާޖެންޓީނާއަށް ވޯލްޑްކަޕް ކާމިޔާބުކޮށްދީފައެވެ.

އުމުރުން 60 އަހަރުގެ މަރަޑޯނާވަނީ މީގެ ކުރިންވެސް ސިއްހީ ހާލަތު ގޯސްވެގެން އެކިފަހަރު މަތިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ. އެގޮތުން ދެ ފަހަރެއްގެ މަތިން ހާޓްއެޓޭކެއް ޖެހުނުއިރު، ހެޕަޓައިޓިސްއަށްވެސް އޭނާ ވަނީ ފަރުވާ ހޯދާފައެވެ. އަދި މީގެ އަހަރުތަކެއް ކުރިން އޭނާ ވަނީ ގޭސްޓްރިކް މައްސަލަތަކުގެ ސަބަބުން ބައިޕާސް ސާޖަރީއެއް ހަދާފައެވެ.

މަރަޑޯނާގެ ކެރިއަރުގައި މަނާބޭސް ބޭނުންކުރުމުގެ ސަބަބުން ގިނަ ފަހަރުތަކެއްގައި އޭނާއާއިމެދު ފިޔަވަޅު އަޅާފައިވެއެވެ.

1960ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30ވަނަ ދުވަހު އުފަންވި ޑިއެގޯ މަރަޑޯނާ ކުލަބް ކެރިއަރު ފަށާފައިވަނީ އޭނާގެ އުފަންރަށް ކަމަށްވާ އާޖެންޓީނާގެ ޕްރިމިރާ ޑިވިޝަންއިންނެވެ. މަރަޑޯނާ އެންމެ ފުރަތަމަ ކުޅެފައިވަނީ އާޖެންޓީނިއޯސް ޖޫނިއާރސް ކުލަބަށެވެ. 5 އަހަރު އާޖެންޓީނިއޯސް ޖޫނިއާރސްގައި ހޭދަކުރިއިރު އޭނާވަނީ 167 މެޗުން އެޓީމަށް 115 ގޯލް ޖަހާދީފައެވެ. 4 މިލިއަން ޑޮލަރު ޓްރާންސްފަރ ފީއަކަށް މަރަޑޯނާ ދެން ބަދަލުވީ އާޖެންޓީނާގެ ބޮކަރ ޖޫނިއާސްއަށެވެ. އެދުވަސްވަރު މަރަޑޯނާއަށްވަނީ ވާދަވެރި ރިވަ ޕްލޭޓްއަށްވެސް ބަދަލުވުމަށް ފުރުސަތު ލިބިފައެވެ.

1981ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ބޮކަ ޖޫނިއާސްއަށް ސޮއިކުރުމަށްފަހު، އެންމެ ފުރަަތަމަ އެޓީމާއިއެކު ކުޅުނު މެޗްގައި މަރަޑޯނާވަނީ 2 ގޯލް ޖަހާފައެވެ. ބޮކަޖޫނިއާރސްއާއެކު މަރަޑޯނާވަނީ އާޖެންޓީނާގެ ލީގް ތަށިވެސް އުފުލާލާފައެވެ. 1982ވަނަ އަހަރުގެ ވޯލްޑްކަޕަށްފަހު މަރަޑޯނާވަނީ އެދުވަސްވަރުގެ ރެކޯޑް ފީއެއްކަމަށްވާ 5 މިލިއަން ޕައުންޑަށް ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވެފައެވެ. ބާސެލޯނާއާއި އެކު މެރަޑޯނާވަނީ ކޮޕަޑެލްރޭ، ސްޕެނިޝް ސުޕަރ ކަޕް ބާސެލޯނާއާއިއެކު ހޯދާފައެވެ.

ބާސެލޯނާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު، މަރެޑޯނާ ބާސެލޯނާ ދޫކޮށްލަން ޖެހުނީ އަނިޔާގެ މައްސަލަތާކާއި ދަނޑުމަތީގައި އަހުލާގުގެ މައްސަލަތައް އިތުރުވުމުގެ ސަބަބުންނެވެ. 6.9 މިލިއަން ފައުންޑްއަށް ދެން މަރަޑޯނާ ބަދަލުވީ ނަޕޮލީއަށެވެ. ނަޕޮލީގައި ކާމިޔާބު ދުވަސްތަކެއް މަރަޑޯނާ ހޭދަކުރި ނަމަވެސް އަހުލާގީ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ހުރެ މަރަޑޯނާއަށް ސަސްޕެންޝަންތަކާއި ގިނަ ޖޫރިމަނާތަކެއްވެސް ދައްކަންޖެހުނެވެ.

އާޖެންޓީނާގެ ޤައުމީ ޓީމަށް މަރަޑޯނާ ކުޅުނު 91 މެޗްގައި އޭނާވަނީ 34 ގޯލް ޖަހާފައެވެ. މަރަޑޯނާވަނީ 4 ވޯލްޑްކަޕްއެއްގައި ޤައުމީ ޓީމްގެ ކެޕްޓަންކަންވެސްކޮށްފައެވެ. މަރަޑޯނާގެ 37ވަނަ އުފަންދުވަހު އޭނާވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލާފައެވެ. އާޖެންޓީނާ އަށް 1986 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން މަރަޑޯނާ ކުޅުމުގެ ކެރިއަރުގައި ކާމިޔާބު ނަމަވެސް އޭނާ އަށް ކޯޗިންގައި އެންމެ އެދެވޭ ކާމިޔާބެއް ނުހޯދުނެވެ. 2008ވަނަ އަހަރު އާޖެންޓީނާގެ ގައުމީ ޓީމްއާއި މަރަޑޯނާ ހަލާވްވި ނަމަވެސް 2010ވަނަ އަހަރުގެ ވޯލްޑްކަޕްގައި ޖަރުމަން އަތުން ބަލިވި މެޗަށްފަހު މަރަޑޯނާވަނީ ކޯޗްކަމުން ވަކިކޮށްފައެވެ.