ޚަބަރު

ބަޖެޓަށް 200 މިލިއަން އިތުރުކޮށް ބަޖެޓް ޑެފިސިޓް ދަށްކޮށްފި


ބަޖެޓް ދިރާސާކުރާ ކޮމިޓީން ގެނައި ބަދަލުތަކާއެކު 200 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށް ބަޖެޓް ކޮމިޓިން ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 34.8 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި ދައުލަތުގެ ޚަރަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ 33.2 ބިލިއަން ރުފިޔާގައެވެ. އަދި ބަޖެޓް ޑެފިސިޓް 15.5 ބިލިއަނަށް އަރާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.

ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ބަޖެޓް ކޮމިޓީން ކުރިއިރު، ދައުލަތުގެ ވުޒާރާތަކާއި މުއައްސަސާތަކާއި އިދާރާތައް ކޮމިޓީއަށް ޙާޒިރުކޮށް ބަޖެޓާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައިވެއެވެ. އެގޮތުން ގިނަ މުއައްސަސާތަކުން ވަނީ ބަޖެޓް އިތުރުކޮށްދިނުމަށް ކޮމިޓީގައި އެދިފައެވެ. އެ މުއައްސަސާތަކުންނާއި އިދާރާތަކުން ހިންގާނެ މަޝްރޫޢުތައް އިތުރުކޮށް ބަޖެޓް ބޮޑުކޮށްދޭން ނިންމުމާއި ގުޅިގެން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ވަނީ 2 މިލިއަން ރުފިޔާ އިތުރުވެފައެވެ. މިގޮތުން ކޮމިޓީގައި އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވަނީ ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކުގެ ލިސްޓް އިއްވާފައެވެ.

މީގެ އިތުރުން އާމްދަނީ އިތުރުކުރުމަށް ބަޖެޓުގައި ހިމެނުމަށް ނިންމާ އައު ކަންތައްތަކުން ލިބޭނެ އާމްދަނީއަށް 1.2 ބިލިއަން ރުފިޔާ ވަނީ އިތުރުކޮށްފައެވެ. އެގޮތުން ބަޖެޓަށް އާމްދަނީ އިތުރުކުރުމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުގޫބު ޢަބްދުﷲ ވަނީ ކަންތައްތަކެއް ހުށައަޅާފައެވެ. ބަޖެޓަށް އިތުރުކުރި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ޓީޖީއެސްޓީއަށް 598 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 253 މިލިއަން ރުފިޔާ، އެއަރޕޯޓް ސާރވިސް ޗާޖްގެ ގޮތުގައި 218 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާރޖްގެ ގޮތުގައި 219 މިލިއަން ރުފިޔާ، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 700 މިލިއަން ރުފިޔާ އަދި ހަރުމުދަލުގެ އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާއެވެ.

ކޮމިޓީން ވަނީ ބައެއް މިނިވަން މުއައްސަސާތަކުގެ ބަޖެޓަށްވެސް ފައިސާ އިތުރުކޮށްދީފައެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނަށް ބަޖެޓް އިތުރުކޮށްދީފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް 2 މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށްވެސް ކޮމިޓީން ނިންމިއެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް ބަޖެޓް އިތުރުކޮށްދީފައިވެއެވެ. ކޮމިޓީން ގެނައި މި ބަދަލުތަކާއެކު ބަޖެޓް ޑެފިސިޓްވެސް ވަނީ ދަށްކޮށްފައެވެ. އެގޮތުން ބަޖެޓް ޑެފިސިޓް 15.5 ބިލިއަނުން 12.3 ބިލިއަން ރުފިޔާއަށް ވަނީ ތިރިކޮށްފައެވެ.

ބަޖެޓް ކޮމިޓީން ބަޖެޓް ފާސްކޮށްފައިވާއިރު މިރޭ ތަޅުމަށް ފޮނުވާނެއެވެ. ނަމަވެސް ކޮމިޓީ ރިޕޯޓަށް ބަހުސް ފަށާނީ 3 ދުވަސް ފަހުންނެވެ. ކޮންމެ މެންބަރަކަށް 7 މިނެޓްގެ ފުރުޞަތެއް ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށް ދިނުމަށް ނިންމާފައިވެއެވެ.