ޚަބަރު

ތިނަދޫ ފަޅުތެރޭގައި އޮތް ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 4 މީހަކު ފިހިއްޖެ


ގދ. ތިނަދޫ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދޯނީގެ ހަތަރު ފަޅުވެރިއަކު ފިހިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

މިހާދިސާގައި ފިހުނު ފަޅުވެރިންނަށް ގދ.ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ތިނަދޫ ފަޅުތެރޭގައި އޮތް "ރާސްތާ" ދޯނީގައި ރޭ މެންދަމު 12.34 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެ އެ ދޯނީގައި ރޯވެފައިވާ އަލިފާން ވަނީ ނިއްވާލާފައެވެ. މިހާދިސާ ހިނގާފައިވަނީ ގޭސް ފުޅިން ގޭސް ލީކުވެފައިވަނިކޮށް އުނދުން ރޯކުރުމުން ހުޅުފަޅައިގެން ގޮސްގެންކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ.