ޚަބަރު

އޯލެވެލް އިމްތިޙާން އަންނަ އަހަރުގެ އޭޕްރީލް މަހު ފަށަނީ


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފަސްކުރި ކެމްބްރިޖް އޯ ލެވެލް އިމްތިހާނު އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމައިފިއެވެ. މި އިމްތިޙާން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. އޭޕްރީން 14 ވަަނ ދުވަހާއި 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ އާޓް އެންޑް ޑިޒައިންގެ ޓެސްޓެވެ.

ކޮންމެ އަހަރެއްގެވެސް އޯލެވެލް އިމްތިހާން އެންމެ ފުރަތަމަ ފަށަނީ ދިވެހި އިސްލާމް މިމާއްދާއިންނެވެ. އެހެންނަމަވެސް މިއަހަރު އިސްލާމް މާއްދާގެ ޓެސްޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުއެވެ. އެގޮތުން އިސްލާމް ޕޭޕަރު އެކެއް އެދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ޕޭޕަރު 2 ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 2 ވަނަ ދުވަހުގައެވެ. ދިވެހި މާޢްދާގެ ޕޭޕަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 5 ވަނަ ދުވަހުގައެވެ.

ބަޔޮލަޖީ ޓެސްޓާއެކު އޯލްވެެލް އިމްތިާހާނުގެ ފަހު ޓެސްޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހުގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢޫލޫމާތު ދެއްވަމުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން އާ ހަވާލުވެހުންނެވެ ޑެޕިއުޓީ މިނިސްޓަރ މުޙަމައްމަދު އިޙްސާން ވިދާޅުވީ ދިވެހިި އިސްލާމް މާއްދާ ލަސްކޮށްފައިވަނީ ދަރިވަރުންނާއި މުދައްރިސުންގެ އިތުރަށް ބެލެނިވެރިންގެ އެދުމުގެ މަތިންކަމަށެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިހާން ފަސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމެވީ ކޯވިޑް-19ގެ ސަބަބުން ދަރިވަރުން ސިލަބަސް ނިންމައި އިމްތިހާން ތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބޭނެތީއެވެ.

އަދި ބީޓެކްގެ މާއްދާތައް ކިޔަވާ ދަރިވަރުންގެ އެސައިންމަންޓް ސުންގަޑިތައްވެސް އަލުން މުރާޖަޢާކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިބަދަލު ގެނައުމުގައި އެންމެބޮޑު އިސްކަމެއް ދޭނީ ދަރިވަރުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށްކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.