ޚަބަރު

ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް އެހީތެރިވުމަށް ނިއުޒީލެންޑުން ބައިޑަނަށް ހުށަހަޅައިފި


ކޯވިޑް-19އާއި ގުޅޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަނަށް ހުށަހަޅުއްވާފައިވާކަމަށް ނިއުޒީލެންޑުގެ ބޮޑުވަޒީރު، ޖަސިންޑާ އާޑަރން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ސަބަބުން އެންމެ ޙާލަތު ގޯސްވެފައިވާ ޤައުމުގެ ގޮތުގައި އޮތީ އެމެރިކާއެވެ. އެ ޤައުމުގައި މިހާތަނަށް 12 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު 255،000އަށްވުރެ ގިނަ މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. އޭގެ ބަދަލުގައި ނިއުޒީލެންޑަކީ އެ ޤައުމުގައި ކޯވިޑް-19 ފެތުރެން ފެށުމުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގައި އެންމެ ކާމިޔާބު އެއް ޤައުމުގެ ގޮތުގައިވަނީ ފާހަގަވެފައެވެ. އެ ޤައުމުގައި މިހާތަނަށް ބަލިޖެހިފައިވަނީ 2000އެއްހާ މީހުންނަށެވެ. އަދި ބަލީގައި މަރުވެފައިވަނީ އެންމެ 25 މީހުންނެވެ. ދެ ފަހަރައްގެ މަތިން ނިއުޒީލެންޑުގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދުވަނީ ސުމަކަށް ދަށްކޮށްފައެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން ބޮޑުވަޒީރު އާޑަރން ވިދާޅުވީ އިންތިޚާބީ ރައީސްގެ ގޮތުގައި ބައިޑަން ހޮވިވަޑައިގަތްފަހުން އެމަނިކުފާނާއިއެކު ކުރި ފުރަތަމަ މަޝްވަރާތަކުގައި ކޯވިޑް-19ގެ ސަބަބުން އެމެރިކާއަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް އެހީތެރިކަން ފޯރިކޮށްދިނުމަށް އެކަމަނާ ހުށަހަޅުއްވާފައިވާކަމަށެވެ. އެގޮތުން ކޯވިޑް-19އާއި ދެކޮޅަށް ހަނގުރާމަކުރުމުގައި ނިއުޒީލެންޑުގެ ޞިއްޙީ އޮފިޝަލުން ކޮށްފައިވާ ތަޖުރިބާ އެމެރިކާއާއިއެކު ޙިއްޞާކުރެވޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެކަމަށް ބައިޑަންގެ އަރިހުގައި އެކަމާ ދެންނެވިކަމަށް އާޑަރން ވިދާޅުވިއެވެ.