ޚަބަރު

ޑިސެމްބަރު މަހުގެ ކުރީކޮޅުގައި އެމެރިކާގައި ވެކްސިން ދޭން ފެށޭނެކަމަށް ބެލެވޭ


ކުރިއަށްއޮތް ޑިސެމްބަރު މަހުގެ ތެރޭގައި އެމެރިކާގެ ރައްޔިތުންނަށް ކޯވިޑް-19 ވެކްސިން ދޭން ފެށޭނެކަމަށް ބެލެވޭކަމަށް އެ ޤައުމުން ބުނެފިއެވެ.

ޔޫއެސް ކޮރޯނާވައިރަސް ވެކްސިން ޕުރޮގުރާމުގެ އިސްވެރިޔާ، ޑރ. މުންސިފް ސުލާއޫއީ ވިދާޅުވީ ޑިސެމްބަރު މަހުގެ 11ވަނަ ދުވަހުގައި ފުރަތަމަ ވެކްސިން ދެވޭނެކަމަށް ބެލެވޭކަމަށެވެ. އެގޮތުން ވެކްސިނަކަށް ޙުއްދަ ލިބުމުގެ 24 ގަޑިއިރުގެ ތެރޭގައި އެ ވެކްސިނެއް ވެކްސިންދޭ މަރުކަޒުތަކަށް ފޮނުވޭނެ އިންތިޒާމް ރާވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ސުލާއޫއީ އެހެން ވިދާޅުވެފައިވަނީ ކޯވިޑް-19ގެ ސަބަބުން އެމެރިކާގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އެންމެ ހަލުވިކަމާއިއެކު ބަލިފެތުރޭ ޤައުމުގެ ގޮތުގައި އޮތް އެމެރިކާގައި މިހާތަނަށް 12 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު 255،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެއީ އެއް ޤައުމަކުން އެހާ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހި އަދި ބަލީގައި މީހުން މަރުވެފައިވާ ޢަދަދެވެ.

އެމެރިކާގެ ކުންފުންޏެއްކަމަށްވާ ފައިޒާއާއި ޖަރުމަނުވިލާތުގެ ބަޔޯއެންޓެކު ކުންފުނިން އުފައްދާފައިވާ ކޯވިޑް-19 ވެކްސިން ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ޙުއްދައަށް އެދި ނޮވެމްބަރު މަހުގެ 20ވަނަ ދުވަހުގައި ހުށަހަޅާފައެވެ. ދެ ޑޯޒް ދޭންޖެހޭ އެ ވެކްސިން ކާމިޔާބުކަމާއެކު މަސައްކަތްކުރާ ނިސްބަތްހުރީ 95 އިންސައްތައިގައިކަމަށް ތަހުލީލުތަކުންވަނީ ދައްކާފައެވެ. މި އަހަރު ނިމުމުގެ ކުރިން އެ ވެކްސިންގެ 50 މިލިއަން ޑޯޒު ތައްޔާރުކުރުމަށް ފައިޒާއިން އުންމީދުކުރެއެވެ.

ފައިޒާގެ ވެކްސިނާއިގުޅޭގޮތުން މަޝްވަރާކުރުމަށް ޑިސެމްބަރު މަހުގެ 10ވަނަ ދުވަހުގައި ބައްދަލުކުރުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ގެ ވެކްސިން އެޑްވައިޒަރީ ކޮމިޓީންދަނީ ތައްޔާރުވަމުންނެވެ. ވެކްސިން ބޭނުންކުރުމުގެ ޙުއްދަދިނުމާއި ގުޅޭގޮތުން ގޮތެއް ނިންމާނީ އެ ބައްދަލުވުމުގައެވެ. ޑރ. ސުލާއޫއީ ވިދާޅުވީ އެފްޑީއޭއިން ޙުއްދަ ދިނުމުގެ ދެ ދުވަހުގެ ތެރޭގައި އާންމުންނާއިހަމައަށް ވެކްސިން ފޯރުކޮށްދިނުމަށް ފަށާނެކަމަށެވެ.

ޑރ. ސުލާއޫއީ ވިދާޅުވީ އެމެރިކާގެ އެކި ސްޓޭޓުތަކަށް ވެކްސިން ބެހުމުގައި ބަލާނީ އެ ސްޓޭޓެއްގެ އާބާދީއަށްކަމަށެވެ. ސްޓޭޓުތަކަށް ވެކްސިން ފޯރުކޮށްދިނުމުން ވެކްސިން ދޭނެ ތަރުތީބެއް ކަނޑައަޅާނީ އެ ސްޓޭޓަކުންކަމަށް އޭނާ ވިދާޅުވިއެވެ. ވެކްސިންދިނުމުގައި ބަލި ޖެހުމުގެ ފުރުޞަތު ބޮޑު މީހުންނަށް އިސްކަން ދިނުމަށްވަނީ ނަޞޭޙަތްތެރިވެފައެވެ. ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ މޮޑާނާ ކުންފުނިންވެސްވަނީ އެ ކުންފުނީގެ ވެކްސިންވެސް ގާތްގަނޑަކަށް 95 އިންސައްތައަށް ކާމިޔާބުކަމަށް ބުނެފައެވެ. ކުރިއަށްއޮތް ހަފުތާތަކުގެ ތެރޭގައި އެ ކުންފުނުންވެސް ވެކްސިނަށް ޙުއްދަ ހޯދާނެކަމެކަމަށް ބެލެވެއެވެ. ޑރ. ސުލާއޫއީ ވިދާޅުވީ ދެ ވެކްސިންގެ ކާމިޔާބީގެ ނިސްބަތް އެހާ މަތިވުމުން އެމެރިކާގެ އާބާދީގެ 70 އިންސައްތައަށްވުރެ ގިނަ މީހުންނަށް ވެކްސިން ދެވިއްޖެނަމަ 'ހާޑް އިމިއުނިޓީ' ޤާއިމްކުރެވުމުގެ ފުރުޞަތު އޮތްކަމަށެވެ. އޭނާ ވިދާޅުވީ ވެކްސިނަކީ ނުރައްކާތެރި އެއްޗެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި ވެކްސިން ބަލައިގަންނަ މީހުންގެ ޢަދަދު އިތުރުވާނެކަމަށް އުންމީދުކުރައްވާކަމަށެވެ. ކުރީގެ ޙާލަތަށް އަދި އާންމު ދިރިއުޅުމަށް އަލުން ރުޖޫޢަވެވެން އޮތީ ގިނަ މީހުންނަށް ވެކްސިން ދީގެންކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާގެ ގައިންގަޔަށްއަރާ ބަލިތަކާރިބެހޭ އިސް މާހިރު، ޑރ. އެންތޮނީ ފައުޗީވަނީ އަންނަ އަހަރުގެ ތެރޭގައި އެމެރިކާގައި ހާޑް އިމިއުނިޓީ ޤާއިމްކުރުމުގެ ފުރުޞަތު އޮތްކަމަށެވެ. ނަމަވެސް އެ އަމާޒަށް ވާޞިލްވެވޭނީ ގިނަ ޢަދަދެއްގެ މީހުންނަށް ވެކްސިން ދީގެންކަމަށް އޭނާ ވިދާޅުވިއެވެ.

ވެކްސިން ތަހުލީލުތަކުގެ ފުރިހަމަ މަޢުލޫމާތާއި ތަފާސްހިސާބުތައް މިހާތަނަށް ޝާޢިއުކޮށްފައިނުވާނަމަވެސް ވެކްސިންގެ ރައްކާތެރިކަމާއިމެދު ސުވާލު ނުއުފެދޭކަމަށް ވެކްސިން އުފައްދާ ކުންފުނިތަކުންދަނީ ބުނަމުންނެވެ. ވެކްސިން ދިނުމުން އޭގެ އަސަރު ދެމިހުންނަނީ ކިހާ ދުވަހަކަށްކަން އަދި ޔަޤީންވެފައެއް ނުވެއެވެ.