ދިވެހި ސިވިލް ސަރވިސް މުވައްޒަފުންނަށް ޕާކިސްތާނުގައި ތަމްރީން ދިނުމާގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ޕާކިސްތާނުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔަރޑް އަތާރް މުޙުތާރުއާއެކު ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި މިބައްދަލުވުމުގައި ދިވެހި ސިވިލް ސަރވިސް މުވައްޒަފުންނަށް ޕާކިސްތާނުގައި ތަމްރީނު ދިނުމާއި ތަޖުރިބާގެ ފުރުސަތުތައް ހޯދުމާއި ގުޅޭގޮތުން ދެފަރާތުގެ މެދުގައި މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ޕާކިސްތާނުގެ އެމްބަސީއާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު މީގެ ކުރިން މަޝްވަރާކުރެވިފައިވާ ކަންކަމާއި ގުޅޭގޮތުންވެސް އެއްބަސްވުންތައް އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.
މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން ވަނީ ވައިސް އެޑްމިރަލް ރިޓަޔަރޑް އަތާރް މުޙުތާރު ސަފީރު ކަމާއި ހަވާލުވެވަޑައިގަންނަވާފައިވާ ވާތީ މަރުޙަބާ ދަންނަވާފައެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސްގެ އިތުރުން ކޮމިޝަނުގެ ނައިބު ރައީސް އިބްރާހިމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުޞަތާ، މެންބަރު ފާތިމަތު އާމިރާގެ އިތުރުން މެންބަރު ފާތިމަތު ޝަރީފްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.