ވިޔަފާރި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީ ތަކެތި ހޯދައިފި


ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ރަސްދޫގައި ހުންނަ އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލައިބްރަރީ ބޭނުންވާ އިތުރުތަކެތި ހޯދައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ޕްރޮޕޯސަލް ކާމިޔާބުކުރި، އިސްމާޢިލް ޝިމާއު ހިންގި މި ޕްރޮޖެކްޓުން ލައިބްރައީއަށް ބޭނުންވާ އިތުރު ފޮތާއި ފޮތްހަރުގެ އިތުރުން ފަރުނީޗަރު ވަނީ ހޯދައިދީފައެވެ. މިގޮތުން ހަދިޔާގެ ގޮތުގައި ލިބުނު ފޮތާއިއެކު ޖުމްލަ 1000 އަށް ވުރެ ގިނަ ފޮތް ވަނީ ލައިބްރަރީއަށް އިތުރުކޮށްދެވިފައެވެ. މި ފޮތްތަކުގެ ތެރެއިން 500 އަށް ވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެތެރެއިން ގަނެވުނު ފޮތެވެ.

މި މަސައްކަތާއި ގުޅޭގޮތުން ޝިމާއު ވިދާޅުވީ އއ.އަތޮޅު ތައުލީމީ މަރުކަޒަކީ 235 ކުދިން ތައުލީމް ހާސިލް ކުރަމުން އަންނަ ސްކޫލެއް ކަމަށާއި އެސްކޫލްގެ ހާލަތަށް ބަލާލާއިރު ކުދިން ބޭނުން ކުރަން ހުރި ލައިބްރަރީގެ ގިނަ ފޮތްތައް ހުރީ ބާވެފަކަމަށާއި ޖާގަ ތަނަވަސް ނަމަވެސް އިތުރު ފޮތާއި ފަރުނީޗަރުގެ ބޭނުން ޖެހިފައިވާ ކަމަށެވެ. މިއާއެކު މިކަމަށް ހައްލެއް ހޯދައިދިނުމަށް މި މަސައްކަތް ކުރިއަށް ގެންދިޔައީ ކަމަށް ޝިމާޢު ވިދާޅުވިއެވެ.

" ކޮމިއުނިޓީ ފަނޑުގެ ދަށުން އަޅުގަނޑު ބޭނުންވީ ލައިބްރަރީއަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ކުދިން ފޮތް ކިޔުމަށް ސަމާލުކަންދީ މިކަމަށް ޝައުގުވެރިކުރުވުމަށް. މިގޮތުން ފޮތް ރެކުތައް އާ ކުރުމާއެކު ކުދިން ކިޔާނެ އާ ފޮތްތަކާއި ފޮތް ކިޔަން ތެބެވޭނެ ފަސޭހަ ގޮތް ގާއިމް ކުރުމަށް ބޭނުންވީ،" ޝިމާޢު ވިދާޅުވިއެވެ.

ކޮމިއުނިޓީ ފަންޑުން ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓާއި ގުޅޭގޮތުން ބީއެމްއެލްގެ މެނޭޖަރ އޮފް ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ ތައުލީމީ ދާއިރާއަކީ ބޭންކުގެ ކޮމިއުނިޓީ ފަނޑުގެ ދަށުން އެހީފޯރުކޮށްދޭން އެންމެ ޙާއްސަ ސަމާލުކަމެއް ދޭ އެއް ދާއިރާކަމަށެވެ. އަދި މި ޕްރޮޖެކެޓްގެ ދަށުން އ.އ އަތޮޅު ތައުލީމީ މަރުކަޒުގެ އެލްކޭޖީން ފެށިގެން ގްރޭޑް 10ގައި ކިޔަވަމުންދާ ދަރިވަރުން ބޭނުންކުރާނެ ފޮތް ހޯދައި ދެވިފައިވާ ކަން ސައީދު ފާހަގަކުރެއްވިއެވެ.

"ފޮތްތަކުގެ އިތުރުން ލައިބްރަރީއަށް މިވަނީ އިތުރު ފުރިހަމަ ކަމެއް ގެނެވިފަ. އަޅުގަނޑުމެންގެ އުއްމީދަކީ މިއީ ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައުއަށް ފައިދާކުރާނެ ޕްރޮޖެކްޓަކަށް ވެގެން ދިޔުން." ސައީދު ވިދާޅުވިއެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރު މިހާތަނަށް 10 ޕްރޮޖެކެޓް ހިންގުމަށް މާލީ އެހީތެރިކަން ދީފަވާއިރު، މިހާރު ހުށަހެޅިފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޕޯސަލް އަށް ، ކޮންމެ ޕްރޮޕޯސަލްއަކަށް 50,000 ރުފިޔާ ދިނުމަށް ހަމަޖެހިފަވާކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މައުލޫމާތު ދެއްވައެވެ.