ޚަބަރު

މިނިސްޓަރ ޢިމްރާނަށް އިތުބާރު އޮތްކަމަށް މަޖިލީހުން ފާސްކޮށްފި


އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި، މިނިސްޓަރ އިމްރާނަށް އިތުބާރު އޮތްކަަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިނިސްޓަރ ޢިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓަށް އެހުމުން އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އަދި އިތުބާރު އޮތްކަމަށް 53 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

މިނިސްޓަރ ޢިމްރާނުގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވި 11 މެންބަރުންނަކީ މިނިސްޓަރގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލިހަށް ވައްދާފައިވާ މައްސަލާގައި ސޮއިކުރެއްވި 11 މެންބަރުންނެވެ. މިނިސްޓަރ އިމްރާންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް، ސޮއިކުރައްވާފައިވަނީ އިދިކޮޅު 9 މެންބަރުންގެ އިތުރުން މަޖިލީހުގެ މިނިވަން ދެ މެމްބަރުންކަމަށްވާ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމެވެ.

ހޯމް މިނިސްޓަރު އިމްރާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވައްދާފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ "އަހަށޭ ބުނާނަން" ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅު ތަކަކާއި ގުޅިގެންނެވެ. އެ ޕްރޮގްރާމްގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅަކާއި މެދު ގިނަބައެއްގެ ފާޑުކިއުންތައް އަމާޒުވިއެވެ. އެ ޕްރޮގްރާމްގައި މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ އަނިޔާކޮށް ރޭޕްކުރިކަމަށް ބުނާ މައްސަލާގައި ޕްރޮސީޖާއިން ބޭރުން ބައެއް ކަންކަން ހިނގާފައިވާކަމަށާއި، ނަމަވެސް އާންމުންގެ ތެރޭގައި އެމައްސަލަގައި ވާހަކަދެކެވެނީ ކަން ހިނގި ގޮތާއި ޚިލާފަށް ކަމަށެވެ.

މިނިސްޓަރގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި މިއަދު ވޯޓު ނެގިއިރު، މިނިސްޓަރ އިމްރާން ޢަބްދުﷲއަށް އިތުބާރު އޮތްކަމަށް މަޖިލީގުގެ ސުޕަމެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވެސް އިއްޔެ ވަނީ ފާސްކޮށްފައެވެ.