ސިޔާސީ

ނަޝީދު މިނިވަންކުރަން އދ.ން ގޮވާލާފައެއް ނުވޭ - ދުންޔާ


ރައީސް ނަޝީދު މިނިވަންކުރުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ގޮވާލައްވައިފިކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތައް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ދޮގުކުރައްވައިފިއެވެ. ނިއުޔޯކްގައި ހުންނަވާ ޕީއެސްއެމްއަށް މަޢްލޫމާތު ދެއްވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫންއާއެކު ބޭއްވުނު ބައްދަލުކުރެއްވުމުގައި އެކި މައުޟޫޢުތަކުގެ މައްޗަށް އަލިއަޅުވާލައި ވަރަށް ފުޅާދާއިރާއެއްގައި ވާހަކަދެކެވިފައިވާ ކަމަށެވެ.މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ކަންތައްތަކަށް އަލިއަޅުވާލައި ސިޔާސީ ޕާޓީތަކާއެކު ވާހަކަތައް ބޭއްވުމުގެ މުހިއްމުކަމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅުދައްކަވާފައިވާ ކަމަށް ދުންޔާ ވިދާޅުވިއެވެ. އދ.ން ރާއްޖޭގެ ސިޔާސީ ކަންތައްތަކުގެ ތެރެއަށް ނުފޫޒު ފޯރުވަން ބޭނުންފުޅުނުވާ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ވިދާޅުވެފައިވާ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.ބައްދަލުވުން ނިންމާލުމުގެ ގޮތުން ވަރަށް ކުރުގޮތަކަށް ނަޝީދުގެ މައްސަލައިގައިވެސް ވާހަކަދެކެވިފައިވާ ކަމަށާއި ރައީސް ނަޝީދުގެ މައްސަލައިގައި ކަންހިނގައިދިޔަގޮތް ވަރަށް ތަފްސީލްކޮށް ސެކްރެޓަރީ ޖެނެރަލްއަށް ސާފުކޮށްދެއްވާފައިވާ ކަމަށް ޚާރިޖީ ވަޒީރު ދުންޔާ ވިދާޅުވިއެވެ."ނިންމާލަމުން ކޮންމެވެސް ވަރަކަށް ސިޔާސީ ވާހަކަދެއްކެވިއިރު ވިދާޅުވި، މަޞްރަޙު ފިނިކުރުމަށްޓަކައި ކުރިއަށް ވިސްނުންފުޅު ގެންގުޅުއްވަފާނެބާއޭ ރައީސް ނަޝީދަށް މަޢާފުދެއްވުމަށް. ދެން އަޅުގަނޑު ވަރަށް ތަފްސީލުކޮށް ޙަޤީޤަތް ހާމަކޮށްދިނިން. ހުރިހާ ވާހަކައެއް ތަފްސީލުކޮށް ދެންނެވީމަ ވިދާޅުވި އެއްވެސްގޮތަކަށް ތިމަންނަ ބޭނުމެއް ނޫނޭ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނާކަށް. ތިމަންނަ ބޭނުމީ ރާއްޖެއަށް ކުރިއެރުމާ ތަރައްޤީއޭ. އަދި އދ.އާއި، ބަންކީ މޫންވެސް ހުންނެވީ އަޅުގަނޑުމެންނާއެކު މަސައްކަތްކުރުމަށް ތައްޔާރަށްކަމަށް ވިދާޅުވި" ޚާރިޖީ ވަޒީރު ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން ވިދާޅުވިއެވެ.