ޚަބަރު

ދައުލަތާއެކު އެއްބަސްވުމެއް އެކުލަވާލައި 32 ދަޢުވާއަށް ޒިޔަތު އިޢުތިރާފްވެއްޖެ


އެމްއެމްޕީއާރުސީގައި ބޮޑު ޚިޔާނާތް ހިނގިއިރު އެކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޢަބްދުﷲ ޒިޔަތު އަދަބަށް ލުއިދިނުމުގެ އެއްބަސްވުމެއް ދައުލަތާއެކު ހަދައި އޭނާގެ މައްޗަށް އުފުލާފައިވާ 32 ދައުވާއަށް އިޢުތިރާފްވެއްޖެއެވެ.

އޭނާ މިކަމަށް އިޢުތިރާފްވެފައި ވަނީ ޅ.މާބިންހުރާގެ މައްސަލާގައި 8 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރުމުން ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ. މިއަދުގެ އަޑުއެހުމުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ޑރ.މުޙައްމަދު އިބްރާހީމް ވަނީ ޖަލު ހުކުމުގެ އިސްތިއުނާފް އަނބުރާ ގެންދިއުމަށް އެދި ޒިޔަތުގެ ފަރާތުން ސިޓީއެއް ފޮނުވާފައިވާކަމަށް ވިދާޅުވެފައެވެ. އެފަދަ ސިޓީއެއް ފޮނުވާފައިވާނެތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން ޒިޔަތު ވަނީ އެފަދަ ސިޓީއެއް ފޮނުވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެއީ އަމިއްލަ އިޚްތިޔާރުގައި އެއްވެސް މަޖުބޫރުކަމެއް ނެތި ފޮނުވާފައިވާ ސިޓީއެއްކަމަށާއި، ދައުލަތާއެކު ހެދި އެއްބަސްވުމުގެ ދަށުން ނިންމެވި ނިންމުމެއްކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ.

ފަނޑިޔާރު ވަނީ އެފަދަ އިޢުތިރާފް އެއްބަސްވުމެއްގެ ނަތީޖާ އެނގިވަޑައިގަންނަވާތޯ ޒިޔަތާއި ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ޒިޔަތު ވިދާޅުވީ އެކަން ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށެވެ. މިމައްސަލައިގެ އިސްތިއުނާފް ރައްދުވާ ދައުލަތުގެ ވަކީލް ވިދާޅުވީ، ޒިޔަތާއެކު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެއްބަސްވުމެއް ހަދާފައިވަނީ ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި މަޝްވަރާކުރުމަށްފަހުކަމަށެވެ.

އެ އެއްބސްވުމުގައި ޒިޔަތާ ދެކޮޅަށް އުފުލާފައިވާ 32 ދައުވާއަކަށް އޭނާ އިއުތިރާފްވެފައިވާކަމަށްވެސް ވަކީލް ވިދާޅުވިއެވެ. އެހެންކަމުން ދައުވާ އަނބުރާ ގެންދިއުމުގެ އިއުތިރާޒެއް ނެތްކަަމަށްވެސް ވަކީލް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ފައިސާތަކަށް ޚިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމެއް ޒިޔަތު ގެންދަނީ ތަންފީޒުކުރަމުންނެވެ. ހޯމް މިނިސްޓްރީއަށް ލިބިދީފައިވާ ބާރުގެ ދަށުން ޒިޔަތު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.