ޚަބަރު

ތަފާސް ހިސާބާއިބެހޭ ދުވަހާގުޅިގެން ބޭއްވި ޕޯސްޓަރ ކުރެހުމުގެ މުބާރާތުގެ ނަތީޖާފާޅުކޮށްފި


ދުނިޔޭގެ ތަފާސްހިސާބުގެ ދުވަހާއި ގުޅިގެން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން ބޭއްވި ކުޑަކުދިންގެ ޕޯސްޓަރ ކުރެހުމުގެ މުބާރާތުގެ ނަތީޖާފާޅުކޮށްފިއެވެ.

މި މުބަރާތަކީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔަ މުބާރާތަކަށް ވާއިރު ޖުމްލަ 40 ކުއްޖަކު ބައިވެރިވެ 36 ކުރެހުމެއް ވަނީ ހުށަހަޅާފައެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވީ، ދުނިޔޭގެ ތަފާސް ހިސާބުގެ ދުވަހާއި ގުޅިގެން ޕޯސްޓަރ މުބާރާތް ބޭއްވިނަމަވެސް، މި މުބާރާތުގެ މައިގަނޑު މަޤުސަދަކީ ތަފާސް ހިސާބުތަކަށް ކުޑަކުދިން އަހުލުވެރިކުރުވުން ކަމަށެވެ.

މި މުބާރާތުގައި ކުދިން ޕޯސްޓަރތައް ޑިޒައިންކޮށްފަވަނީ "މައި ޑޭޓާ، މައި ކޮމިއުނިޓީ"ގެ ނަމުގައި ތަފާތުއެކި އެކި ކަންކަމަށް އަލިއަޅުވާލައިގެން ކަމަށް އެން.ބީ.އެސް އިން މައުލޫމާތުދެއެވެ.

މުބާރާތް ކުރިޔަށް ގެންގޮސްފައި ވަނީ 3 ކެޓަގަރީއަކަށް ބަހާލައިގެން، ކޮންމެ ކެޓަގަރީއަކުން 1،2 އަދި 3 ވަނައަށް ހޮވާގޮތަށެވެ. ވަނަވަނައަށް ދާ ކުދިންނަށް ޔުނިސެފްގެ ފަރާތުން ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފަވާކަމަށާ، އެކުދިންގެ ޕޯސްޓަރުތައް އެން.ބީ.އެސް އާއި ޔުނިސެފްގެ ވެބްސައިޓާއި، ފޭސްބުކް ޕޭޖާއި، ޓުވިޓަރގައި ހިއްސާކުރާނެކަމަށްވެސް އެންބީއެސްއިން ވަނީ މައުލޫމާތުދީފައެވެ. ފެށޭ ހަފްތާގެ ތެރޭގައި ވަނަވަނަ އަށް ދިޔަ ކުދިންނަށް އިނާމް ހަވާލުކުރެވޭނެކަމަށްވެސް އެން.ބީ.އެސްއިން މައުލޫމާތުދެއެވެ.

އެން.ބީ.އެސްގެ ވެބްސައިޓްގައި ވަނަތަކަށް ދިޔަ ކުދިންގެ ނަންތައް ވަނީ ހާމަކޮށްފައެވެ.

މިމުބާރާތުގައި 12 އަހަރާއި 14 އަހަރުގެ އުމުރުފުރާއިން ޖުމްލަ 24 ކުރެހުމެއް ބައިވެރިކޮށްފަވާއިރު 1 ވަނަ ހޯދާފައި ވަނީ، ޖަމާލުއްދީން ސްކޫލުގެ ފާތިމަތު ސާރާ ނަޛީރެވެ. 2 ވަނަ ހޯދާފަވަނީ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ އައިކާ މިޝްޢާލް ޙާމިދެވެ. އަދި 3 ވަނަ ހޯދާފަވަނީ ރެހެންދި ސްކޫލުގެ ޢީޝާލް ޢަބްދުﷲ ޖަމީލްއެވެ.

15 އަހަރާއި 17 އަހަރާއި ދެމެދުގެ އުމުރުފުރާއިން ޖުމްލަ 10 ކުރެހުމެއް ބައިވެރިކޮށްފަވާއިރު 1 ވަނަ ހޯދާފަވަނީ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ މަލަކް އިސްމާއިލް މުޙައްމަދެވެ. 2 ވަނަ ހޯދާފަވަނީ ރ. މަޑުއްވަރީ ސްކޫލުގެ އައިމިނަތު ޝައިމާ އަޙްމަދެވެ. އަދި 3 ވަނަ ހޯދާފަވަނީ އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އައިޝަތު ލައިޝާ ޝިހާމްއެވެ.

12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިން އެއްކޮށް ގްރޫޕް ކެޓަގަރީން 1 ވަނަ ހޯދާފަ ވަނީ ރ. ހުޅުދުއްފާރު ސްކޫލުގެ ހައްވާ ނަޝާޔާ އާއި އައިޝަތު ޝަހާ އަދި އައިމިނަތު ވަހުދާއެވެ.