ޚަބަރު

މިނިސްޓަރ ޢިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި


އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ހޯމް މިނިސްޓަރ ޢިމްރާންގެ އިތުބާރު ނެތްކަމުގެމައްސަލަ 10 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ވައްދާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުއެވެ. މިމައްސަލަ މިހާތަނަށް އެޖެންޑާކޮށްފައި ނުވަނީ މަޖިލީހުގައި ބަޖެޓް ބަހުސް ކުރިއަށްދާތީއެވެ. ނަމަވެސް ބަޖެޓް ބަހުސް ނިމުމުން މިމައްސަލަ މަޖިލީހުގައި އެޖެންޑާކުރައްވާނެކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މިމައްސަލާގައި އާންމު ކޮމިޓީން ވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްއަށް 2 ގަޑިއިރު ކަނޑައަޅާފައެވެ. އަދި މިނިސްޓަރަށް މިމައްސަލައަށް ޖަވާބުދާރީވުމަށް 30 މިނެޓް ދިނުމަށްވެސް ކަނޑައަޅާފައިވެއެވެ.

ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި 10 މެމްބަރުންގެ ސޮއި ބޭނުންވެއެވެ. ޕީޕީއެމްއާއި ޕީއެންސީގެ ޖުމުލަ މެމްބަރުންގެ ޢަދަދަކީ 9 މެންބަރުންނެވެ. މިނިސްޓަރ އިމްރާންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް، އިދިކޮޅު ފަރާތްތަކާ ބައިވެރިވެފައިވަނީ މަޖިލީހުގެ މިނިވަން ދެ މެމްބަރުންކަމަށްވާ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމެވެ.

ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވައްދާފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ "އަހަށޭ ބުނާނަން" ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެންނެވެ. އެ ޕްރޮގްރާމްގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅެއްގެ މައްސަލާގައި ގިނަބައެއްގެ ފާޑުކިއުންތައް އަމާޒުވިއެވެ. އެޕްރޮގްރާމްގައި މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ހުޅުމާލޭ ފަފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ އަނިޔާކޮށް ރޭޕްކުރިކަމަށް ބުނާ މައްސަލާގައި ޕްރޮސީޖާއިން ބޭރުން ބައެއް ކަންކަން ހިނގާފައިވާކަމަށާއި، ނަމަވެސް އާންމުންގެ ތެރޭގައި އެމައްސަލަގައި ވާހަކަދެކެވެނީ ކަން ހިނގި ގޮތާއި ޚިލާފަށް ކަމަށެވެ.

މިނިސްޓަރގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފައިވާއިރު، މިނިސްޓަރ އިމްރާން ޢަބްދުﷲއަށް އިތުބާރު އޮތްކަމަށް މަޖިލީގުގެ ސުޕަމެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ވަނީ ފާސްކޮށްފައެވެ.