ޚަބަރު

ޖޯޖިއާގެ ވޯޓު ތިންވަނަ ފަހަރަށް ގުނުމަށް ޓްރަންޕުގެ ފަރާތުން ހުށަހަޅައިފި


ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޖޯޖިއާ ސްޓޭޓުގައި ލާފައިވާ ވޯޓު އަލުން ގުނުމަށް ރައީސް ޓްރަންޕުގެ ކެންޕެއިނުގެ ފަރާތުން ހުށަހަޅައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ކުޑަ ފަރަގަކުން ޖޯޖިއާ ސްޓޭޓުގެ އަޣުލަބިއްޔަތު ކާމިޔާބުކުރައްވާފައިވަނީ އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑަނެވެ. 1992ވަނަ އަހަރުން ފެށިގެން ރިބަލްލިކަނުންނަށް ތާޢީދު އޮތް ޖޯޖިއާގެ ނަތީޖާ 0.2 އިންސައްތަ ނުވަތަ 12،670 ވޯޓުގެ ތަފާތަކާއިއެކު މި އަހަރުގެ އިންތިޚާބުގައި ޑިމޮކްރަޓުން އަނބުރާލާފައިވާއިރު، އެ ސްޓޭޓުންވަނީ ވޯޓުގެ އޯޑިޓެއްހަދައި އެ އޯޑިޓުގެ ދަށުން މެޝިން ބޭނުން ކުރުމެއްނެތި ހުރިހާ ވޯޓެއް ދެވަނަ ފަހަރަށް އަތުން ގުނާފައެވެ. ދެވަނަ ފަހަރަށް ގުނުމުންވެސް އަޣުލަބިއްޔަތު ހޯއްދަވާފައިވަނީ ބައިޑަނެވެ. އޭގެ ފަހުން ޖޯޖިއާގެ އަޣުލަބިއްޔަތު ކާމިޔާބުކޮށްފައިވަނީ ބައިޑަންކަން އެ ސްޓޭޓުންވަނީ ރަސްމީކޮށް ނިންމާފައެވެ.

ޖޯޖިއާގެ ޤާނޫނުގައި ބުނާގޮތުން ވޯޓުގެ އަޣުލަބިއްޔަތު ކާމިޔާބުކުރައްވާފައިވާ ފަރާތް ރަސްމީކޮށް ސާޓިފައިކުރުމުގެ ރަސްމީ ދެ ދުވަހުގެ ތެރޭގައި އަނެއްކާވެސް ޥޯޓު ގުނުމަށް ހުށަހެޅިދާނެއެވެ. ވޯޓުގައި ހުރި ފަރަގަކީ 0.5 އިންސައްތައަށްވުރެ ކުޑަ ފަރަގެއްކަމުން އަދިވެސް އެއްފަހަރު ވޯތު ގުނުމަށް ރައީސް ޓްރަންޕަށް އެދެވިދާނެކަމަށް ޖޯޖިއާގެ ސެކެޓްރީ އޮފް ސްޓޭޓް، ބްރެޑް ރަފެންސްޕާގާވަނީ ވިދާޅުވެފައެވެ. ވޯޓު ގުނުމުގެ ޚަރަދު ކުރާނީ ރައްޔިތުންގެ ފައިސާއިންނެވެ. އަދި ވޯޓު ގުނާނީ މެޝިން ބޭނުންކޮށްގެންނެވެ.

ޓްރަންޕުގެ ކެންޕެއިނުންވަނީ ޖޯޖިއާގެ ވޯޓު އަލުން ގުނުމަށް އެދިފައިވާކަން ކަށަވަރުކޮށްދީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ އެމެރިކާ އަދި ޖޯޖިއާގެ ޤާނޫނާއި އެއްގޮތަށް އިންތިޚާބުގައި ލާފައިވާ އެންމެހާ ސައްޚަ ވޯޓު ގުނާފައިވާކަން ޔަޤީންކުރުމަށް ބޭނުންވާކަމަށެވެ. ޖޯޖިއާގެ ވޯޓުތައް ތެދުވެރިކަމާއިއެކު ގުނުމަށް ބާރުއަޅަމުންދާކަމަށް ކެންޕެއިނުގެ ފަރާތުން ބުންޏެވެ. އެގޮތަށް ވޯޓު ގުނާއިރު ސޮއި ދިމާވޭތޯއާއި ވޯޓުގެ ސައްޚަކަން ކަށަވަރުކޮށްދޭ އެހެނިހެން ކަންކަން ރަނގަޅަށް ބެލުމަށް ގޮވާލައިކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ. ނަމަވެސް ސޮއި ދިމާވޭތޯ ބެލުމަކީ ވޯޓު ގުނާއިރު ބަލާ ކަންކަމެއް ނޫނެވެ.

ޖޯޖިއާގެ ނަތީޖާ އަލުން ގުނުމަށް ޓްރަންޕުގެ ކެންޕެއިނުން އެދުމާއި ގުޅޭގޮތުން ބައިޑަންގެ ކެންޕެއިނުގެ ޖޯޖިއާއަށް ކަނޑައަޅާފައި ހުންނަވާ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ޖެސްލޯން ތޮރެންބާގު ވިދާޅުވީ މިދިޔަ ހަފުތާގެ ތެރޭގައި ވޯޓު އަލުން ގުނުމުން ޖޯޖިއާގެ އަޣުލަބިއްޔަތު އޮތީ ބައިޑަނަށްކަން ޔަޤީންވެފައިވާކަމަށެވެ. ޖޯޖިއާގެ ސެކެޓްރީ އޮފް ސްޓޭޓުވެސް މީގެ ކުރިން ވިދާޅުވެފައިވާ ފަދައިން ވޯޓު އޮޅުވާލާފައިވާކަމަށް ޝައްކުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، ވޯޓު އޮޅުވާލާފައިވާލަމަށް ޓްރަންޕުގެ ކެންޕެއިނުގެ ފަރާތުން ތުހުމަތުކުރަމުންދިޔަ ނަމަވެސް އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް މިހާތަނަށް ހުށަހަޅާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވޯޓު އަލުން ގުނާ ކޮންމެ ފަހަރަކު ޖޯޖިއާގެ އަޣުލަބިއްޔަތު ކާމިޔާބުކުރެއްވީ ބައިޑަންކަން އިތުރަށް ޔަޤީންވުން ނޫންކަމެއް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޑު އަޣުލަބިއްޔަތަކުން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ ޖޯ ބައިޑަނެވެ. އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ޔަޤީންކުރައްވައި ބައިޑަންވަނީ 306 އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރައްވާފައެވެ. އޭގެ ބަދަލުގައި ރައީށް ޓްރަންޕަށް ލިބިވަޑައިގެންފައިވަނީ 232 އިލެކްޓޯރަލް ވޯޓެވެ. ނަމަވެސް ވޯޓު އޮޅުވާލާފައިވާކަމަށް ތަކުރާރުކޮށް ތުހުމަތުކުރައްވަމުންދާ ޓްރަންޕު ގެންދަވަނީ ވޯޓުގެ ނަތީޖާ ޤަބޫލުކުރެއްވުމަށް ދެކޮޅު ހައްދަވަމުންނެވެ. ޖޯޖިއާއިން ލިބޭ 16 އިލެލްޓޯރަލް ވޯޓު ޓްރަންޕަށް ލިބިވަޑައިގަތަސްވެސް އެމަނިކުފާނަށް އިންތިޚާބު ކާމިޔާބެއް ނުވާނެއެވެ.