ވިޔަފާރި

ބޮލީވުޑް ތަރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ބޮޑުވަނީ

ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުން ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފައިވާ ބައެއް ތަރިންގެ ތެރޭގައި ނޭހާ ދޫޕިއާ، ތާރާ ސުތާރިޔާ، އަދި ރާކުލް ޕްރީތް ހިމެނެއެވެ. ގިނަ އަދަދެއްގެ ބޮލީވުޑްގެ ތަރިންތައް ރާއްޖެއަށް ޗުއްޓީއަށް އަންނަމުންދާތީ އެޤައުމުގެ މީޑިއާގެ ސަމާލުކަމަށްވެސް މިކަމަށް ވަނީ އައިސްފައެވެ. އެގޮތުން އިންޑިއާގެ އެންޑީޓީވީން ވަނީ މުމްބާއިގައި ދިރިއުޅޭ ގިނަ އަދަދެއްގެ އެކްޓަރުން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނަމުން ދާތީ ރާއްޖެއަކީ އާ މުމްބާއިކަމަށް ބުނެފައެވެ.

އަދި އެންޑީޓީވީން ބުނެފައި ވަނީ ޗުއްޓީ ހޭދަކުރުމަށް ދާނެ ތަނަކާ މެދު ސުވާލު އުފެދިފަ ތިއްބި ފަރާތްތަކަށް މި ތަރިންގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވާ ފޮޓޯތަކުން ޖަވާބު ލިބިގެންދާނެކަމަށެވެ.

އިންޑިއާގެ ނޫސްތަކުގައިވާގޮތުން ރާއްޖެއަށް ގިނަ ތަރިން ޗުއްޓީ ހޭދަ ކުރުމަށް އަންނަމުން ދަނީ އިންޑިއާ އާ ރާއްޖެ އާއި ދެމެދު ދަތުރު ކުރަން ފަސޭހަވުމާއި، ގިނަ ތަރިން އެންމެ ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ޕްލެޓްފޯމް ކަމަށްވާ އިންސްޓަގްރާމްގައި ވެސް ރާއްޖޭގެ ރިސޯޓްތަށް މަގުބޫލުވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ކޮންމެ ތަރިއެއްވެސް ޗުއްޓީގެ ފޮޓޯތަށް ހިއްސާ ކުރަމުން ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި، ގުދުރަތީ ރީތިކަން ފާހަގަކޮށް ތައުރީފުކޮށްފައި ވެއެވެ.

މިހާރުވެސް ބޮލީވުޑްގައި އަރަމުން އަންނަ މަޝްހޫރު ތަރިއެއްކަމަށްވާ ދިޝާ ޕަޓާނީ އަންނަނީ ޗުއްޓީ ހޭދަކުރަމުންނެވެ. އަދި އޭނަ އާ އެކު އޭނާގެ ލޯބިވެރިޔާކަމަށް ޚަބަރު ފެތުރިފައިވާ ޓައިގާ ޝްރޮފްވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ދެ ތަރިންވެސް އެދެމީހުންގެ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންގެ ސަމާލުކަން ލިބޭފަދަ ފޮޓޯތަކެއް ވަނީ ހިއްސާކޮށްފައެވެ.

އެންމެ ފަހުން ރާޢްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ އެކްޓަރުންގެ ތެރޭގައި ވަރުން ދަވަން، މަންދީރަ ބެޑީ، މޯނި ރޯއި އަދި ތާޕްސީ ޕަންނޫ ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރާ ތަފާސްހިސާބުތައް ދައްކާގޮތުން ކޯވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ދެވަނައަށް އެންމެ ގިނަ އަދަދަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ އިންޑިއާއިންނެވެ. އެގޮތުން އެމުއްދަތުގައި އެޤައުމުން ރާއްޖެއަށްވަނީ 5449 ފަތުރުވެރިން ރާއްޖެއަށް އައިސްފައެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައި ވަނީ ރަޝިޔާއިންނެވެ.