ކުޅިވަރު

ޔުނައިޓެޑަށް މުހިންމު މޮޅެއް

އިނގިރޭސި ލީގުގައި ވެސްޓްބްރޮމް އަތުން ހަނިގޮތަކަށް މޮޅުވެ މި ސީޒަންގެ ލީގުގައި ފުރަތަމަފަހަރަށް މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި މޮޅެއް ހޯދައިފިއެވެ.

ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗު ވެސްޓްބްރޮމްގެ މައްޗަށް ކުރި ހޯދީ 1-0 ލަނޑުންނެވެ. މެޗުގައި ހަމައެކަނިލަނޑު ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކޮށްދީ 56 ވަނަ މިނިޓުގައި ބުރޫނޯ ފެނާންޑޭޒް. އޭނާ މި ލަނޑު ކާމިޔާބުކުރީ ދެވަނަ ފަހަރަށް ޖެހި ޕެނެލްޓީގައެވެ. ފުރަތަމަފަހަރު ފޮނުވި ޕެނެލްޓީ މެޗުގައި ވެސްޓްބްރޮމްގެ ގޯލު ބެލެހެއްޓި ޔުނައިޓެޑުގެ ކުރީގެ ކީޕަރު ސެމް ޖޯން ސްޓޯން ދިފާއުކުރި ނަމަވެސް އޭރު އޭނާއަށް ހުރެވުނީ ގޯލްގެ ރޮނގުމަތިން ބޭރުގައި ކަމުން އަލުން ދެވަނަފަހަރަށް ޔުނައިޓެޑަށް ޕެނަލްޓީން ޖަހައިދިން ފުރުސަތުގައި ބުރޫނޯ ވަނީ ގޯލްތެރެއަށް ބޯޅަ ވައްދާލާފައެވެ.

މިއީ 2015 ވަނައަހަރު ފަހުން ލީގުގައި ޔުނައިޓެޑުން ވެސްޓްބްރޮމް މައްޗަށް ހޯދުނު ފުރަތަމަ މޮޅެވެ. އަދި މިހާތަނަށް މިސީޒަންގައި ވެސްޓްބްރޮމް މެޗަކުން މޮޅުވެފައެއް ނުވެއެވެ. މި ނަތިޖާއެކު ޔުނައިޓެޑުން ވަނީ 8 މެޗުން 13 ޕޮއިންޓް ހޯދައިގެން ލީގުގެ 9 ވަނައަށް ކުރިޔަށްޖެހިލާފައެވެ. އެއީ އެއްވަނައިގައިވާ ޓޮޓްނަމަށް ވުރެ 7 ޕޮއިންޓް މަދުއަދަދެކެވެ. ރޭ ލީގުގައި ޗެލްސީ ވަނީ ނިއުކާސަލް ޔުނައިޓެޑު 2-0 ލަނޑުން ބަލިކޮށް 9 މެޗުން 18 ޕޮއިންޓް ހޯދައިގެން ލީގުގެ ދެވަނައަށް ޖެހިލާފައެވެ. ރޭ ބްރައިޓަން ވަނީ އެސްޓަން ވިލާ 2-1 ލަނޑުން ބަލިކޮށް 9 މެޗުން 9 ޕޮއިންޓް ހޯދާ ލީގުގެ ތާވަލުގެ 16ވަނައަށް ޖެހިލާފައެވެ.