މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން "ސީ.ޖީ ޓްރެއިނިން ޑޭ" ނުވަތަ ކޯސްޓްގާޑް ޓްރޭނިން ޑޭގެ ނަމުގައި ތަމްތީނެއް ބާއްވައިފިއެވެ.
މި ތަމްރީނަކީ ކަނޑަށް ތެޔޮ އެޅުމުން ދިމާވެދާނެ ޙާދިސާއަކަށް ތައްޔާރުވުމުގައި ކޯސްޓް ގާޑްގެ ޤާބިލުކަން އިތުރުކުރުމަށް ގެންދިޔަ ތަމްރީނެކެވެ. ތަމްރީނުތައް ގެންގޮސްފައިވަނީ އެމް.އެން.ޑީ.އެފް މާލޭ އޭރިއާގައި ހުޅުމާލޭގައެވެ.
މި ތަމްރީނުތައް އެމް.އެން.ޑީ.އެފުން ކުރިޔަސް ގެންގޮސްފައިވަނީ މި މަހުގެ 21ވަނަ ދުވަހުގައެވެ. ތަމްރީނުތަކުގެ ތެރެއިން ކަނޑަށް އެޅޭ ތެޔޮ ނަގާނެ ގޮތުގެ ފަރިތަކުރުންތައް ގެންގޮސްފައިވެއެވެ. އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ގިނަ ޢަދަދެއްގެ ސިފައިން މި ތަމްރީނުތަކުގައި ބައިވެރިވެފައިވެއެވެ.
އެމް.އެން.ޑީ.އެފްއިން ވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި "ރަންނަމާރި ހަންޓް"ގެ ނަމުގައި ތަމްރީނު އެކްސަސައިޒްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެކްސަސައިޒް "ރަންނަމާރި ހަންޓް" އަކީ ސިފައިން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކްތަކަށް ތަމްރީނުކޮށް، ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށާއި، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގެ އޮޕަރޭޝަނަލް ރެޑިނަސް އަދި ކޭޕެބިލިޓީ ދެނެގަނެ އިތުރަށް ހަރުދަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަޤްޞަދުގައި ސިފައިންގެ ލެވެލްގައި ބާއްވަމުން ގެންދާ އެކްސަސައިޒެކެވެ.