ޚަބަރު

އެންމެ އިސްކަމެއްދޭނީ ކުށްކުރާ ކުދިންގެ މައްޗަށް ދަޢުވާނުކޮށް އިޞްލާހުކުރުމަށް: ޖުވެނައިލް ކޯޓު


ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ކުދިންނާއި ދަޢުވާ ކުރުމުގެ މަރުޙަލާގައި ތިބޭ ކުދިންގެ މައްސަލަތަކުގައިވެސް އެންމެ އިސްކަންދޭނީ ދަޢުވާ ކުރުމުގެ ބަދަލުގައި ޑައިވަރޝަން ޕްރޮގްރާމެއްގައި އެކުދިން ބައިވެރިކޮށް، އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި މަސައްކަތް ކުރުމަށްކަމުގައި ޖުވެނައިލް ކޯޓުން ވިދާޅުވެއްޖެއެވެ.

އިއްޔެ ޢަމަލުކުރަން ފެށި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ވަނީ، އެ ޤާނޫނާ ޚިލާފުވާ، ޢުމުރުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޚާއްޞަ އުޞޫލުތަކާއި، 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާއި އަދި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި މެދު ޢަމަލުކުރާނެ ގޮތުގެ އުޞޫލުތައް ބަޔާންކޮށްފައެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާ ގުޅިގެން ޖުވެނައިލް ކޯޓުން ވިދާޅުވީ، ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ކުދިންނާއި ދަޢުވާ ކުރުމުގެ މަރުޙަލާގައި ތިބޭ ކުދިންގެ މައްސަލަތަކުގައިވެސް އެންމެ އިސްކަމެއް ދެވޭނީ، އެފަދަ ކުދިންގެ މައްޗަށް ދަޢުވާ ކުރުމުގެ ބަދަލުގައި ޑައިވަރޝަން ޕްރޮގްރާމެއްގައި އެކުދިން ބައިވެރިކޮށް، އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި މަސައްކަތް ކުރުމަށް ކަމަށާއި، ދަޢުވާ ކުރަންޖެހޭ މައްސަލަތަކުގައިވެސް، ކުދިންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް އެކުދިން އިޞްލާހުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަކީ، މި ޤާނޫނު ތަންފީޛު ކުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭ ކަންތައް ކަމުގައި ފާހަގަކުރާކަމަށެވެ.

ކުޑަކުދިންގެ މައްސަލަތަކުގެ ޝަރީޢަތްތައް ހިންގުމުގަޔާއި، އަދަބު ކަނޑައެޅުމުގަޔާއި އަދި ޙުކުމް ތަންފީޛު ކުރުމުގެ މަރުޙަލާގައިވެސް، ކުދިން ޕްރޮބޭޝަންގައި ނުވަތަ އިޞްލާޙީ ޕްރޮގްރާމެއްގައި ބައިވެރިކޮށް އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނެސް، މުޖުތަމަޢުގައި ބިނާކުރަނިވި ދައުރެއް އަދާކުރާ ބަޔަކަށް ހެދުމީ، މި ޤާނޫނުގެ އެންމެ މުހިއްމު އެއް މަޤްޞަދެވެ. މި ޤާނޫނަށް ޢަމަލުކުރަންފެށުމަށްފަހު، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ، ޖުވެނައިލް ކޯޓާއި، ޖުވެނައިލް ކޯޓުގެ ސަރަޙައްދީ ޑިވިޜަންތަކަށެވެ. މި ޤާނޫނު ތަންފީޛު ކުރުމުގައި ވާންޖެހޭ އެންމެހައި ތައްޔާރީތައް، ކަމާގުޅުން ހުރި މުއައްސަސާތަކާއި ގުޅިގެން، ކުރަމުން ގެންދާ ކަމުގައި އެކޯޓުން ބުނެއެވެ.