ކުޅިވަރު

އަބަދުވެސް ބޭނުންވަނީ މެސީ ބާސެލޯނާގައި ހުންނަން: ގާޑިއޯލާ


އަބަދުވެސް ބޭނުންވަނީ މެސީ ބާސެލޯނާގައި ހުންނަން ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީގެ ކޯޗު މެސީއާއި ގުޅޭގޮތުން ވާހަކަދައްކާފައި މިވަނީ ކުރިއަށް އޮތް ޓްރާންސްފަރގައި މެސީ ބާސެލޯނާ ދޫކޮށްލާނެކަމަށް އަޑު ފެތުރިފައިވަނިކޮށެވެ. މެސީ ހޯދުމަށް މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފަރގައި މެންޗެސްޓަރ ސިޓީން މަސައްކަތްކުރިއިރު، ކުރިއަށް އޮތް ޓްރާންސްފަރގައިވެސް މެސީއަށް ބިޑުކުރަން ސިޓީން އޮތީ ތައްޔާރަށްކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މެސީއަކީ ބާސެލޯނާގެ ކުރީގެ ކޯޗު ގާޑިއޯލާ ވަރަށް ގަޔާވާ ކުޅުންތެރިއެކެވެ. އަދި މެސީގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތަކަކީވެސް ބާސެލޯނާއަށް ގާޑިއޯލާ އިރުޝާދުދިން ދުވަސްތަކެވެ. މިހާރުވެސް މެސީއާއި ގާތްގުޅުމެއް ބާއްވަމުން އަންނަ ގާޑިއޯލާ ބުނީ އެހެން ކުލަބަކަށް މެސީ ބަދަލުވުމަކީ ބަލަން އެހާ ފަސޭހަވާނެ މަންޒަރެއް ނޫންކަމަށާއި، ބާސެލޯނާގައި މެސީ ހުރުކަމީ އޭނާ އެންމެ އެދޭގޮތްކަމަށް.

މެންޗެސްޓަރ ސިޓީން މެސީއަށް ބިޑުކޮށްފާނެތޯ އެހުމުން ގާޑިއޯލާ ބުނީ މެސީ މެންޗެސްޓަރ ސިޓިއަށް ކުޅުމަކީ އެކުލަބުގެ ހުރިހާ ސަޕޯޓަރުންވެސް ބޭނުންވާނެ ގޮތެއްކަމަށާއި، އެކަމަށް މަސައްކަތްކޮށްދޭނެކަމަށެވެ.

ދާދި ފަހުން ގާޑިއޯލާވަނީ މެންޗެސްޓަރ ސިޓީގައި އިތުރު ދެ އަހަރު މަޑުކުރުމަށް ނިންމާފައެވެ.