ދިރާގުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓަރ ލެބަށް ބޭނުންވާ މުހިންމު ވަސީލަތް ތަކެއް ހަދިޔާ ކޮށްފިއެވެ.
މީގެތެރޭގައި ކުޑަ ކުދިންގެ ހިޔާއަށް ބޭނުންވާ 23 ކޮމްޕއުޓަރ ޑެސްކާއި، އިތުރު 5 ކޮމްޕިއުޓަރ ސިސްޓަމާއި، ދިރާގު ފައިބަރ 100އެމް އިންޓަނެޓް ކަނެކްޝަންއަކާއި ދިރާގުޓިވީ ކަނެކްޝަނެއް ވަނީ ހަދިޔާކޮށްފައިވެއެވެ. އަދި ކުޑަކުދިންގެ ހިޔާގެ މެނޭޖްމަންޓްގެ އެދުމުގެމަތިން، 2 ލެބަށް ބޭނުންވެފައިވާ ބައެއް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މީގެ ކުރިންވެސް ދިރާގުން ވަނީ ދިރާގު ޓީވީ ހަތް ކަނެކްޝަން ކުޑަކުދިންގެ ހިޔާގެ އެކި އެކި ފްލޯ ތަކަށް ހަދިޔާކޮށްފައެވެ. އަދި ހިޔާގެ ކުދިންގެ އޮންލައިން ކްލާސްތައް ހިންގުމަށް ދިރާގުން އަންނަނީ ފައިބަރ އިންޓަނެޓްގެ ޚިދުމަތް ހިލޭ ފޯރުކޮށްދެމުންނެވެ.
މިކަމާ ގުޅިގެން ކުޑަކުދިންގެ ހިޔާގެ ސީއީއޯ މޫމިނާ އާދަމް ވިދާޅުވި ގޮތުގައި ދިރާގުން ވޭތުވެދިޔަ 12 އަހަރު ކުޑަކުދިންގެ ހިޔާ އަށް ވެދެމުންދާ ދީލަތި އެހީތެރިކަން ފާހަގަކުރާ ކަމަށާއި. އެ ކުދިންގެ ކިޔެވުމަށާއި، މުނިފޫހިފުލުވުމަށް ދިރާގުން ފޯރުކޮށްދީފައިވާ ދިރާގު ޓީވީ އަދި އިންޓަނެޓަކީ ވަރަށް މުހިންމު ދެ ވަސީލަތް ކަމުގައެވެ. އަދި ހިޔާގައިތިބޭ ކުދިންގެ ދިރިއުޅުމުގައި ހެޔޮ ބަދަލެއް ގެނެސްދިނުމަށް ދިރާގުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު ދެންނެވިއެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޑަކުދިންގެ ތައުލީމާއި އަދި ކުރިއެރުމަކީ އެކުންފުނިން އިސްކަމެއްދޭ ކަމެކެވެ. އެގޮތުން މީގެ ކުރިންވެސް ކުންފުނިން ވަނީ ކުޑަކުދިންގެ ހިޔާތަކަށް އެކި ގޮތްގޮތުން އެހިތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެންމެ ފުރަތަމަ ކޮމްޕިއުޓަ ލެބް ކުޑަކުދިންގެ ހިޔާގައި ގާއިމުކުރުމަށް ދިރާގުން އެހީތެރިވެފައި ވަނީ 2013 ވަނަ އަހަރުއެވެ. ހަމަ އެއަހަރު ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާގައި ލައިބްރަރީ އެއްވެސް ގާއިމުކޮށްދީފައިއެވެ. މީގެ އިތުރުން ދިރާގުން ވަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު "ފިޔަވަތި"ގައި އިންޓަނެޓްގެ ޚިދުމަތ ހިލޭ ފޯރުކޮށްދީ، އޮންލައިން ކްލާސްތައް ހިންގޭނެ ގޮތަށް 4 ކްލާސްރޫމް ގައި ގާއިމުކޮށްދީފައިއެވެ.