ވިޔަފާރި

ކޯވިޑް-19 : އެމެރިކާގައި ކޭސްތައް އިތުރުވެ، ވައިގެ ދަތުރުކުރާ މީހުންގެ ޢަދަދު ދަށަށް


އެމެރިކާގައި އަނެއްކާވެސް ކޯވިޑް-19ގެ ކޭސްތައް އިތުރުވެ އެޤައުމުގައި ވައިގެ ދަތުރުތައް ކުރާ މީހުންގެ އަދަދު ވަރަށްބޮޑަށް ދަށްވެފައިވާ ކަމަށް ޔުނައިޓަޑް އެއަރލައިންސްއިން ހާމަކޮށްފިއެވެ.

ޔުނައިޓަޑް އެއަރލައިންސްއިން ހާމަކުރާގޮތުގައި ފްލައިޓު ޓިކެޓު ބުކްކުރާ މީހުންގެ ޢަދަދު ދަށަށްގޮސް، ރިޒަވޭޝަންތައް ކެންސަލްކުރާ މީހުންގެ ޢަދަދުތައް އިތުރުވެފައިވެއެވެ. މިއާއެކު އެ އެއަރލައިންގެ ދަތުރުތައް އިތުރަށް މަދުކުރުންވަނީ ޖެހިފައެވެ. އެމެރިކާގެ ހަލައުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާއިރު، މިބަލި ޖެހޭ މީހުންގެ ޢަދަދު މިދިޔަ ހަފްތާގައިވަނީ ރެކޯޑް މިންވަަރަކަށް އިތުރުވެފައެވެ.
އެގޮތުން މިދިޔަ ބުދަ ދުވަހު އެކަނިވެސް އެއް ލައްކަ ހަތްދިހަ ހާސް މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

މިއާއެކު އެމެރިކާގެ އެކި ސްޓޭޓްތަކުގައި ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަލުން އަޅަމުންނެވެ. އަހަރުގެ ފަހުކޮޅަކީ އެއަރލައިންތަކަށް އެންމެ ޑިމާންޑު ރަނގަޅު ދުވަސްކޮޅެވެ. ގިނަ މީހުން ޗުއްޓީތަކަށް ތަންތަނަށް ދަތުރުކުރާ ދުވަސްކޮޅެކެވެ. އަދި މިދިޔަ މާރޗުމަހަށްފަހު އެންމެ ގިނަ ޢަދަދެއްގެ ބަޔަކު ދަތުރުކުރާނެކަމަށް ބެލެވޭ ހަފްތާއަކީ ކުރިއަށް އޮތް ހަފްތާއެެވެ.

އެހެން ނަމަވެސް ކަމާއި ގުޅޭ ވުޒާރާތަކުންދަނީ އާއްމުން މިދުވަސްކޮޅު ދަތުރުފަތުރު ނުކުރުމަށް އިލްތިމާޒްކުރަމުންނެވެ. ޔުނައިޑަޓްގެ އިތުރުމުން އެމެރިކަން އެއަރލައިން އަދި ޑެލްޓާއިންވެސް ހާމަކުރާގޮތުގައި ކޯވިޑް-19ގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފެށުމުން ދަތުރުތައް ކުރާ މީހުންގެ އަދަދުތައް ދަށަށްގޮސްފައިވާ ކަމަށެވެ.