ދުނިޔެ

ޕާކިސްތާނުގެ ބޮޑުވަޒީރު ފުރަތަމަ ފަހަރަށް އަފްޣާނިސްތާނަށް


ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އަފްޣާނިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ. މިއީ މީގެ ދެ އަހަރު ކުރިން އިމްރާން ޚާން ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަޤާމާއި ޙަވާލުވެވަޑައިގެންނެވި ފަހުން އަފްޣާނިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ބޮޑުވަޒީރު އިމްރާން ޚާން އަފްޣާނިސްތާނަށް ދަތުރުފުޅެއް ކުރައްވަމުންދަނީ އަފްޣާނިސްތާނުގެ ސަރުކާރާއި ޠާލިބާނުންނާއި ދެމެދު ކުރަމުންދާ ޞުލްޙަ ޤާއިމްކުރުމުގެ މަޝްވަރާތައް މަޑުޖެހި، ޙަމަލާ ބަދަލުކުރުމާއި ލޭ އޮހޮރުވުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިންގެ ޢަދަދު 4،500ން 2،500އަށް ޖަނަވަރީ މަހުގެ ތެރޭގައި މަދުކުރާނެކަމަށް އެމެރިކާއިން އިޢުލާނުކޮށްފައިވަނިކޮށެވެ.

ބޮޑުވަޒީރު އިމްރާން ޚާން އަފްޣާނިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީއާއި ބައްދަލުކުރައްވާ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމްކުރުމަށް ކުރާ މަސައްކަތްތަކާއި އެހެނިހެން މައްސަލަތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރާނެކަމަށް ޕާކިސްތާނުން ބުންޏެވެ.

އަފްޣާނިސްތާނުގެ ރިޔާސީ އިދާރާއިން ބުނީ ބޮޑުވަޒީރު އިމްރާން ޚާންގެ ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި އިޤްތިޞާދީ ގުޅުމާއި ގުޅޭގޮތުން މަޝްވަރާކުރުން ކަމުގައި ވިޔަސް ޞުލްޙައިގެ މަރުހަލާއާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެކަމަށެވެ.

ބޮޑުވަޒީރު އިމްރާން ޚާން އަފްޣާނިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަހުމޫދު ޤުރޭޝީއާއި ވިޔަފާރިއާއި އިންވެސްޓުމަންޓާއިބެހޭ މުޝީރު، ރައްޒާޤު ދާޢޫދު ބައިވެރިވެވަޑައިގަންނަވައެވެ.

އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތް، ޠާލިބާނުންގެ މައްޗަށް ޕާކިސްތާނުގެ ނުފޫޒު އޮތުމަކީ ސުލްޙައިގެ މަޝްވަރާތަކުގައި ޕާކިސްތާނުގެ ދައުރު މުހިންމުވާކަމެއްކަމަށް އެމެރިކާއިންދަނީ ބުނަމުންނެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި ޕާކިސްތާނުން ޠާލިބާނުންގެ މައްޗަށް އޮންނަ ނުފޫޒު ކުޑަވެފައިވާކަމަށް ޕާކިސްތާނުން ބުނެއެވެ.